06 Sep 2010, 09:22
14:23
"ސިނގިރޭޓު ބޯ ބޭބީ" ގެ ނަމުން ދުނިޔެއަށް މަޝްހޫރުވި އިންޑޮނޭޝިޔާގައި އުޅޭ ދެ އަހަރުގެ ތުއްތު އަރްދީ ރިޒާލް ސިނގިރޭޓު ބުއިން މުޅިން އެއްކޮށް ހުއްޓާލައިފި ކަމަށް ވެލްފެއަރ އޮފިޝަލުން ބުނެފި އެވެ.
ދުވާލެއްގެ މައްޗަށް 40 ސިނގިރޭޓު ބޮއެ ހުސްކުރާ އެ ތުއްތު ކުއްޖާގެ ވާހަކަ މިދިޔަ އަހަރުގެ ފަހުކޮޅު ބައިނަލްއަގްވާމީ މީޑިއާގައި ފެތުރުމާއެކު، އެކަން ހުއްޓުވުމަށް އިންޑޮނޭޝިޔާގެ އޮފިޝަލުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި އެ ކުއްޖާއަށް ދިން ފަރުވާތަކަށްފަހު، ސިނގިރޭޓު ބުއިން މިހާރު ހުއްޓާލާފައިވާ ކަމަށާއި ސިނގިރޭޓު ދޭށޭ ކިޔައި، ބޮޑާހާކައި ނޫޅޭ ކަމަށް ވެލްފެއަރ އޮފިޝަލަކު ބުނެފައިވެ އެވެ.
އެ އުމުރުގެ އެހެން ކުދިންނާ ބަލައި ފުދޭވަރަކަށް ފަލަކޮށް ހުންނަ އަރްދީ ރިޒާލު އެންމެ ފުރަތަމަ ސިނގިރޭޓް ބޯން ފެށީ އޭނާގެ ބައްޕަ ސިނގިރޭޓު ދިނުމުންނެވެ. ސިނގިރޭޓު ބޯން ފެށިއިރު ހަމަސް ވެސް ނުފުރޭ އެ ކުއްޖާ، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފައިފައިވާ މިންވަރު ބޮޑުކަމުން، ދުވާލެއްގެ މައްޗަށް ދެ ފޮށި ސިނގިރޭޓު ހުސްކުރަމުންދިޔަ އެވެ.
ވެރިރަށް ސުމަޓްރާގެ ފަގީރު އަވަށެއްގައި ދިރިއުޅެމުންދާ ރިޒާލުގެ އާއިލާއިން ބުނާ ގޮތުގައި، އެ ކުއްޖާއަށް ސިނގިރޭޓު ނުދީފި ނަމަ، އޭނާގެ ކަމަކީ އަބަދު "ބޮޑާހާކާ ރުޅިގަދަކުރުން" ކަމަށެވެ. އެގޮތުން، ސިނގިރޭޓު ބުއިން މަނާކުރުމުން، ބޮލުގައި ރިއްސާ ކަމަށް ބުނެ، ނުކައި ނުބޮއެ ގިނަ އިރުތަކެއް ވަންދެން ހުންނަ ކަމަށާއި އެކަމުގެ ސަބަބުން އެ ކުއްޖާގެ ސިއްހަތަށް ވެސް އަސަރުކުރާތީ ސިނގިރޭޓު ދިނުމަށް "މަޖުބޫރު" ވަނީ ކަމަށް އޭނާގެ މައިންބަފައިން މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވެ އެވެ.
ބައެއް ފަރާތްތަކުން ބުނަމުންދިޔައީ، ރިޒާލް ގައިގައި ސިނގިރޭޓު ބުއިމުގެ ނުބައި އާދަ އަށަގަތީ އޭނާގެ އާއިލާގެ ފަރުވާ ކުޑަކަމުން ކަމަށާއި އެކަން ހުއްޓުވުމަށް އޭނާގެ މައިންބަފައިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ވެލްފެއަރ ސެންޓަރެއްގެ ބެލުމުގެ ދަށުން ތުއްތު ރިޒާލަށް ދިން ބޭސް ފަރުވާ އަށް ފަހު، ދުންފަތުގެ އިސްތިއުމާލުކުރުމާ އޭނާ މުޅިން ދުރަށް ޖެހިފައިވާތީ އޭނާގެ އާއިލާ ބުނަނީ، ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ރިޒާލްގެ ސިނގިރޭޓު ބުއިމުގެ އާދައާ ގުޅޭ ގޮތުން އިންޑޮނޭޝިޔާގެ ޗައިލްޑް ޕްރޮޓެކްޝަން ކޮމިޝަންގެ ޗެއާމަން ސޭޓޯ މުލްޔަދީ ވިދާޅުވީ، "އެ ކުއްޖާ ވަނީ އުޅެބޮޑުވި މާހައުލުގެ ޝިކާރައަކަށްވެފައި" ކަމަށެވެ. އަދި އެ ކުއްޖާގެ މައިންބަފައިން މިއަދު ހިތްހަމަޖެހެނީ، ރިޒާލް ކޮންމެހެން ސިނގިރޭޓު ބުއިމުގެ ނުބައި އާދައިން ދުރުވީމާ ނޫން ކަމަށާއި، އެ ކުއްޖާއަށް ދޭން ކޮންމެ ދުވަހަކު ގަންނަންމުން އައި ދެ ފޮށި ސިނގިރޭޓަށް ދާ ޚަރަދު މިހާރު ސަލާމަތްކުރެވޭނެތީ ކަމަށެވެ.