މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026ގައި ރޭ ގާނާއާ ދެކޮޅަށް އިނގިރޭސީން ކުޅުނު މެޗުން މޮޅު ނުވެވުނީ ގާނާ ޓީމުން ސިހުރު ހެދުމުން ކަމަށް ބުނެ އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ވަރަށް ބޮޑަށް ރުޅިގަދަވެ ފާޑުކިޔައިފިއެވެ.

މި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުނީ ގާނާއިން އިންގްލެންޑާ ދެކޮޅަށް 'ބްލެކް މެޖިކް' ނުވަތަ ސިހުރު ބޭނުންކޮށްފައިވާ ކަމަށެވެ.

"ގާނާއިން ދިޔައީ އަހަރެމެންނާ ދެކޮޅަށް ސިހުރު ބޭނުންކުރަމުން. ރެފްރީން ވީއޭއާރް ޗެކް ކުރަންޖެހޭ، އޭރުން ފެންނާނެ އެމީހުންގެ ސަޕޯޓަރުން ދަނޑުތެރެއަށް ހުދު ކުލައިގެ ކުނޑިތަކެއް ބުރުވަމުންދިޔަ މަންޒަރު،" ޓުޗެލް ބުންޏެވެ.

އިންގްލެންޑް ޓީމުގެ ކެޕްޓަން ހެރީ ކޭން ހުއްޓުވާނެ ކަމަށް ބުނެ ގާނާގެ މަޝްހޫރު ސިހުރުވެރިޔާ ނާނާ ކުވާކޫ ބޮންސާމް ވަނީ އިންގްލެންޑަށް އިންޒާރުދީފައިއެވެ. މި މެޗުގެ ކުރިން އޭނާ ބުނެފައިވަނީ ހެރީ ކޭން ހުއްޓުވުމަށް އޭނާގެ ރޫހާނީ ބާރުތައް ބޭނުންކުރާނެ ކަމަށެވެ. އަދި އެއީ އޭނާއަށް ކުރެވިދާނެކަމެއްކަމަށެވެ.

ބައެއް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ އެ ސިހުރުވެރިޔާ ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނުގެ ފޮޓޯތައްވެސް އާންމުކޮށްފައެވެ.

ސިހުރުވެރިޔާ ބޮންސާމް ބުނި ގޮތުގައި އޭނާ ދިޔައީ ހެރީ ކޭންގެ މައްޗަށް ބާރުފޯރުވާ އޭނާ ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

"އަހަރެންގެ ކުޅަދާނަކަން މީގެ ކުރިން ވެސް ވާނީ ދައްކާލާފައި. އެހެންކަމުން އޭނާ ހުއްޓުވުމަށް ކުރަންޖެހޭ ކަންތައްތައް އަހަންނަށް އެނގޭ،" ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ވެސް މިފަދަ ކަމެއް ކުރި ކަމަށް އޭނާ ދައުވާ ކުރެއެވެ.

މި މެޗުގައި އިންގްލެންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ގާނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ޓުޗެލް ގަބޫލުކުރާ ގޮތުގައި މިއީ ސިހުރުގެ ނުފޫޒުން ދިމާވި ކަމެކެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން މުބާރާތް އިންތިޒާމުކުރާ ފަރާތުން އަދި ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މެޗަކީ ދެވަނަ ބުރު ކަށަވަރުކުރުމަށް ދެ ޓީމަށްވެސް މުހިންމު މެޗަކަށް ވީއިރު، މެޗު އެއްވަރުވުމުން ގާނާއަށް ވަނީ ދެވަނަ ބުރުގެ އުންމީދުތައް އާވެފައެވެ.

ދަނޑުމަތީގެ ކުޅުމުގެ ކުރިން ދަނޑުން ބޭރުގައި ފެށުނު މި ސިހުރުގެ ބަހުސް މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.