21 Sep 2012, 18:01
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތަހުގީގަށް ސާބިތުވި ކުރީގެ ޑިފެންސް މިނިސްޓާ އަދި ރައީސް ނަޝީދުގެ ޑިފެންސް އެޑްވައިޒާ އަމީން ފައިސަލް އާއި މާލޭގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ)ގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ސަން އޮންލައިން އަށް ކަށަވަރުވެފައިވާ ގޮތުގައި އަލިބެގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ އޮގަސްޓް ނުވަނަ ދުވަހުގެރޭ އެމްޑީޕީން ވެލާނާގެ ކައިރީ ކުރި މުޒާހަރާއެއްގެ ތެރެއިން މަގުމަތީގައި ހުރި ބެރިކޭޓްތަކަކަށް ގެއްލުން ދިން މީހަކު ހައްޔަރު ކުރުމަށް ފުލުހުން މުޒާހަރާގެ ތެރެއަށް ވަނުމުން އަލިބެ އެތަނުގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކޮށްފައިވާތީ އެވެ. އަދި އަމީން ފައިސަލްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވީ ހަމައެރޭ އެ މުޒާހަރާގެ ތެރެއަށް ފުލުހުން ވަނުމުން މުޒާހަރާގެ ތެރެއަށް ވަތް ފުލުހެއްގެ ގައިގާ އަމީން ފައިސަލް ޖަހައި މާރާމާރީ ހިންގާފައިވާކަމަށް ތުހުމަތުކޮށް ކަމަށްވެސް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުން ޕީޖީ އޮފީހަށް އެދެ މައްސަލަވެސް ފޮނުވާފައިވަނީ މި މަހުގެ ނުވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތަހުގީގަށް އަމީން ފައިސަލް ވަނީ އޮގަސްޓް 31 ވަނަ ދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކުރައްވައިފަ އެވެ. މޭޔަރު އަލިބެއަށް ތުހުމަތުކުރާ މައްސަލައިގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރި ކަމެއް އެނގިފައެއްނުވެ އެވެ.
އަލިބެ އާއި އަމީންގެ މައްސަލަ ޕީޖީއަށް ފޮނުވި އިރު ދޮގުވާހަކަތަކެއް ދެއްކި ކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްތޮފާގެ މައްޗަށް ދައުވާކުރުމަށްވެސް ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. އަދި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތްކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.