ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން 6 މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

އެއާއެކު ރޮނާލްޑޯ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައެވެ. ރޮނާލްޑޯއަށް މި ޝަރަފް ލިބުނީ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ދެވަނަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް މެޗުގެ 6 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑާއެކުއެވެ.

އެމެރިކާގެ ހޫސްޓަން ސްޓޭޑިއަމްގައި ކުުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ.

މި ދެ ލަނޑާއެކު ވޯލްޑް ކަޕް މުބާރާތްތަކުގައި ރޮނާލްޑޯ ޖެހި ޖުމްލަ ލަނޑުގެ އަދަދު 10 އަށް އަރާފައިވާއިރު، އޭނާ ވަނީ ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް އިއުސެބިއޯ ހަދާފައިވާ ރެކޯޑްވެސް މުގުރާލާފައެވެ.

ކުރިން ޕޯޗުގަލްއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތީ 1966 ގެ މުބާރާތުގައި 9 ލަނޑު ޖެހި އިއުސެބިއޯ އަތުގައެވެ.

ނަމަވެސް 60 އަހަރަށްފަހު ރޮނާލްޑޯ މިވަނީ އެ ރެކޯޑް އޭނާގެ ނަމަށް ބަދަލުކޮށް، ޕޯޗުގަލްގެ ތާރީޚުގައިވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުގައެވެ. އޭގެ ފަހުން 2010، 2014، 2018، 2022 އަދި މިހާރު ކުރިއަށްދާ 2026 ގެ ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ރެއާލް މެޑްރިޑްގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ރޮނާލްޑޯގެ ކެރިއަރަށް އިތުރުވި ވަރަށް ހާއްސަ އަދި އަގުހުރި ކާމިޔާބީއެކެވެ.