21 Sep 2012, 16:42
ދިވެހި ސަރުކާރުގައި ތިބި ހަރުކަށި މީހުންގެ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވަނީ ރާއްޖޭގެ ކަންތައްތައް ދަނީ އެމަގުން، (ހަރުކަށިކަމާ ދިމާއަށް) ކަމަށާއި އީރާންގެ ރާ ނުބޯ ޓޫރިސްޓުންނަށް ހާއްސަކޮށް އެފަދަ ރިސޯޓްތަކެއް ރާއްޖޭގައިވެސް ހެދުމުގެ ވާހަކަ ދައްކާ ކަމަށެވެ.
" އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މިހާރު މިތިބީ އެމަގުގައި ހެން، އެމީހުން ދައްކަނީ އަލްކަހޯލް ފްރީ ރިޒޯޓްތަކެއްގެ ވާހަކަ، ރާ ނުބޯ ޓޫރިސްޓުން އީރާނުން ގެންނަ ވާހަކަ، އަޅުގަނޑުގެ ހިޔާލަށް އަންނަނީ އެހެން ބައެެއް މުސްލިމް ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް، އާއްމު ތަނެއްގައި ދޮނެއް ދީގެން ޓޫރިސްޓުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ޓެލެގްރާފަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވަނީ އާއްމު ތަންތާނގައި ދެޖިންސްގެ މީހުން އެކުގައި ނެށުން މަނާކޮށް، އިސްލާމިކް މިނިސްޓްރީން ދާދިފަހުން ނެރުނު ސާކިއުލާއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެފަދަ ކަންތައްތައް ރިޒޯޓްގައި ކުރުމެކޭ އެހެން ތަނެއްގައި ކުރުމެކޭ ތަފާތެއް ނެތް ކަމަށް ވިދާޅުވެފައި ވެއެވެ.
"އާއްމު ތަންތާ ނެށުމާ ލަވަކިއުމާ ، ސްޕާ ވަނީ މާލޭގައި މަނާކޮށްފައި، އެކަމަކު އިސްލާމްދީނާ ހިލާފު ކަންތައްތައް އެއީ އިސްލާމްދީނާ ހިލާފު ކަންތައްތައް ، މާލޭގަ ކުރިޔަސް ރިޒޯޓްގައި ކުރިޔަސް، " ރައީސް ނަޝީދު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަމަލުކުރާ ގޮތާ މެދު ވެސް ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ތުހުމަތު ކުރައްވާ ކުރެއްވުން ތަކުރާރު ކުރައްވައި، އެކަމުގައި ބައެއް ރިސޯޓްތަކުގެ ވެރިން ބައިވެރި ކަމަށް ވިދާޅުވެ، އެފަދަ ވެރިންގެ ރިސޯޓްތަކަށް ޓޫރިސްޓުން ނުދިއުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.