މާދަމާއިން ފެށިގެން ތިން ދުވަހަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިޔުމަށް ފާމަސީތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ޚިދުމަތް ދީ، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށެވެ.

މި ބަދަލާއެކު ފާމަސީތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އާ ކުންފުންޏަށް ބަދަލުވެގެންދާނެ އެވެ.

ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދިއެވެ. އެކަމަކު، އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.