އިގްތިސޯދީ މަސައްކަތްތަކަށް ވިޔަފާރިވެރިންނަށް ދޫކޮށްފައިވާ ބިންތަކުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ހަ ޕަސެންޓް ދަށަށް ގޮސްފައިވާކަން ޓެކްސްގެ މައިދާއިރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، (މީރާ) އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމު ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އިގުތިސޯދީ ވިޔަފާރިއަށް ދޫކޮށްފައިވާ ބިންތަކަށް މިދިޔަ މަހު ލިބިފައިވަނީ 5.1 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ލިބުނު 5.5 މިލިއަން ރުފިޔާއަށް ވުރެ 341513ރ. މަދުއަދަދެކެވެ. މިއަހަރުގެ ޖެނުއަރީން އޮގަސްޓަށް އެފަދަ ބިންތަކުން މީރާއަށް ލިބިފައިވަނީ 44.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 43.9 މިލިއަން ރުފިޔާ އެވެ.

އިގްތިސޯދީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ބިންތަކެއް މާލެ އާއި އަތޮޅުތަކުން އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ. މިދިޔަ މޭމަހުގެ ތެރޭގައި މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުންވެސް ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައި ހުރި ބިންފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ 37.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވެ އެވެ. އަދި ފިނޭންސް މިނިސްޓްރީ މެދުވެރިވެގެން އެ ދާއިރާއިން ކޮށްފައި ހުރި ކޮންޓްރެކްޓްތަކަށްވެސް ދައުލަތަށް 2.1 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ.

ޓޫރިޒަމް ދާއިރާއިން ދޫކޮށްފައި ހުރި އެކި ބިންބިމުން ލިބެންޖެހޭ ފައިސާ ނުލިބިގެން މީރާއިން އަންނަނީ ގިނަ އަދަދެއްގެ ފަރާތަކެއްގެ މައްޗަށް ދައުވާވެސް ކުރަމުންނެވެ.

ސަރުކާރުގެ ޕްރައިވެޓައިޒޭޝަންގެ ޕްރޮގްރާމްގެ ދަށުން އެކި ފަރާތްތަކަށް ގިނަ ރަށްތަކާއި ބިންބިން ދޫކޮށްފައި ހުއްޓަސް އެ ތަންތަނުން އެކަށީގެންވާ އާމްދަނީއެއް ނުލިބެ އެވެ. ސަރުކާރުގެ ޕްރައިވެޓައިޒޭޝަންގެ ޕްރޮގްރާމްގެ އޮޑިޓެއް ހިންގުމަށް އޮޑިޓާ ޖެނެރަލް މިހާރު ވަނީ ނިންމަވައިފަ އެވެ.