ހިމަބިހި ޖެހޭ މީހުން އިތުރުވަނީ: ޖުމުލަ 22 އަށް އަރައިފި
ހިމަބިހި ޖެހޭ މީހުން އިތުރުވަނީ: ޖުމުލަ 22 އަށް އަރައިފި

މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި އިތުރު ދެ މީހަކަށް ހިމަބިހި (މީސަލްސް) ޖެހި، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ނަމަވެސް، ބަލި ޖެހުނު ދިވެހިންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 88 ކޮންޓެކްޓެއްގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ހިމަބިހީގެ ތަފާސްހިސާބުގެ މައުލޫމާތު...

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް މިހާރު ވަނީ ގާއިމުކޮށްފައެވެ. މީގެ ބޭނުމަކީ ބަލި ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ މީހުން ވީހާވެސް އަވަހަށް ދެނެގަނެ ރިޕޯޓުކުރުމެވެ.

ވެކްސިން ދިނުމުގެ މަސައްކަތަށް ބަލާއިރު، ބަލި ޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ 220 މީހަކަށް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށް ވެސް ވަނީ ހިމަބިހި ވެކްސިން ދީފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.