އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ސެނެޓަރު އަދި އީސީގެ ކުރީގެ މެންބަރު މުޙައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 51 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓުދެއްވިއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ޝަކީލް މިހާރު ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އަދި އޭނާއަކީ ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އެ ޕާޓީގެ ސެނެޓް މެންބަރެކެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ޝަކީލާ އިންޓަވިއުކޮށްފައެވެ.

އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ޝަކީލް ކުރިން އިސްތިއުފާދެއްވި ސަބަބާ ގުޅޭ ގޮތުން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ސުވާލުކުރެއްވުމުން ޝަކީލް ވިދާޅުވީ، އޭނާ އިސްތިއުފާދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނިކޮށް ކޮމިޝަންގެ ތެރެއިން އިވިވަޑައިގެންނެވި ހިތްހަމަނުޖެހޭ، އަދި މިނިވަންކަމާއެކީ މަސައްކަތްކުރަން ދަތިވާނެ ފަދަ ބައެއް އަޑުތަކުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން، އެފަދަ މާހައުލެއްގައި، އޭނާއަށް މަތިކޮށްފައިވާ ޒިންމާތައް މިނިވަންކަމާއެކީ އަދާކުރެވޭނެ ކަމަށް އޭނާގެ ޟަމީރު ގަބޫލުނުކުރާތީ އިސްތިއުފާދެއްވީ ކަމަށް، ޝަކީލް ވިދާޅުވިއެވެ.

"މިހާރުވެސް ހަމަ ކުރިއަށް އޮތް ތަނުގައިވެސް، އެފަދަ ހާލަތެއް އައިސްފިއްޔާ އަޅުގަނޑު މަސައްކަތުން އެއްފަރާތްވެ އިސްތިއުފާ ދޭނަން،" އޭނާ ވިދާޅުވިއެވެ.

ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.