ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފިލައިގެން ބޭރަށް ފުރައިފައިވާތީ، އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ފުލުހުން މިއަދު ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަނީ, ފ. ނިލަންދޫ، ރާހި / އުމުރުން 38 އަހަރުގެ އިޒްޔާން ޢަބްދުލްޙަމީދެވެ.

ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަނީ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހެލްތު އެންޑް ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް މިދިޔަ މެއި މަހު ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައިގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅި މައްސަލަތަކެވެ.

މިއީ މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހެޅުނު މައްސަލަތައް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައިރު، އެފަދަ ހުރިހާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުނުކުރާ ކަމުގެ ކަންބޮޑުވުންތައް އޮވެއެވެ.