21 Sep 2012, 13:08
ދިމިޝްޤު (ސެޕްޓެމްބަރ 21) : ސޫރިޔާގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް އެޤައުމުގެ ހަނގުރާމަވެރިން ކުރަމުންގެންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެ ރައީސް ބައްޝާރުލްއަސަދް ވާހަކަ ދައްކަވައިފި އެވެ.
މިސްރުގެ އަލްއަހްރާމް ހަފްތާ މަޖައްލާ އަށް ދެއްވި ބަސްދީގަތުމެއްގައި ބައްޝާރު ވިދާޅުވީ އޭނާގެ ސަރުކާރު ގަދަބާރުންވައްޓާލުމަށް މަސައްކަތްކުރަނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ޓެރަރިސްޓުން ގެ ބައެއް ކަމަށާއި އެމީހުންނަށް ސޫރިޔާގެ ރައްޔިތުންގެ ތާއީދު ނެތްކަމުގައެވެ. އަދި ބޭރުގެ ބާރުތައް އަރައިގަނެގެން ނޫނީ ބޭރުގެ ހަތިޔާރާއި ފައިސާގެ އެހީގައި ގަދަބާރުން ވެރިކަން ބަދަލުކޮށްގެން ސޫރިޔާއަށް ޑިމޮކްރަސީ ނުގެނެވޭނެ ކަމަށްވެސް މި ބަސްދީގަތުމުގައި ބައްޝާރު ވިދާޅުވެފައިވެ އެވެ.
ބައްޝާރުގެ ވާހަކާގައި ޤަތަރާއި ސައޫދީ އަރަބިޔާފަދަ ސޫރިޔާގެ ހަނގުރާމަވެރިންނަށް އެހީތެރިވާ ޢަރަބި ބައެއް ޤައުމުތަކަށާ އަދި އިސްލާމީ ޤައުމެއް ކަމަށްވާ ތުރުކީއަށްވެސް ފާޑުވިދާޅުވިެވެ. އަދި އޭނާ ވެރިކަމުން ފޭބުމަށް މިސްރުގެ ރައީސް މުޙައްމަދު މުރްސީ ގޮވާލައްވާފައިވާތީ މިސްރަށްވެސް ފާޑު ވިދާޅުވިއެވެ. ބައްޝާރު އޭނާގެ ވެރިކަމުގެ ނިޒާމް ދިފާޢުކުރައްވައި މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ބައްޝާރަށް ވަފާތެރި ސިފައިންނާއި އިިދިކޮޅު ހނަގުރާމަވެރިންނާ ދެމެދު ބަދަލުކުރެވެމުންދާ ހަަމަލާތަކުގައި އިއްޔެވެސް 203 އަށްވުރެ ގިނަމީހުން މަރުވެފައިވެ އެވެ.
މީގެތެރޭގައި ގިނައީ ބައްޝާރަށް ވަފާތެރި ސިފައިންގެ ޙަމަލާތަކުގައި މަރުވި ކުށެއްނެތް ޢާންމުން ކަމަށް ސޫރިޔާގެ ލޯކަލް ކޯޑިނޭޝަން ކޮމިޓީތަކުން ބުނެއެވެ. ޚާއްސަކޮށް ބައްޝާރަށް ވަފާތެރި ސިފައިން ޢައިން ޢިސާ އަވަށުގެ މީހުން ދިރިއުޅޭ ޢިމާރާތްތަކަކަށް ދިން ވައިގެ ޙަމަލާތަކެއްގައި ޢާންމުންގެ 55 މީހުން މަރުވެފައިވާކަން އެކޮމިޓީތަކުން ފާހަގަކުރެ އެވެ.
އަނެއްކޮޅުން ސޫރިޔާގެ ހަނގުރާމަވެރިންވަނީ ބައްޝާރަށް ވަފާތެރި ސޫރިޔާ ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެރިރަށް ދިމިޝްޤުގެ ކައިރިއަށް ވައްޓާލިކަން ހާމަކޮށްފައެވެ. ނަމަވެސް ސޫރިޔާގެ އިންފޮމޭޝަން މިނިސްޓްރީން ބުނީ މިއީ ފަންނީ މައްސަލައަކާގުޅިގެން ވެއްޓުނު ހެލިކޮޕްޓަރެއް ކަމުގަ އެވެ. މި ހެލިކޮޕްޓަރު ވެއްޓެމުންދިޔައިރު އެސަރަޙައްދުން ދަތުރުކުރި ފަސިންޖަރު މަތިންދާބޯޓެއްގެ ފަހަތުކޮޅުގެ ފިޔަގަނޑުގައި ހެލިކޮޕްޓަރު ވަރަށް ކުޑަކޮށް ޖެހުނުކަމަށާ ނަމަވެސް މިކަމުގެ ސަބަބުން ފަސިންޖަރު މަތިންދާބޯޓަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެވުޒާރާއިން ބުނެފައިވެ އެވެ.
ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ބައްޝާރުގެ ސިފައިންނަށްވެސް އަދި އދިކޮޅު ހަނގުރާމަވެރިންނަށްވެސް ކުރިއެރުންތައް ލިބެމުން ނުދާކަމަށާ މިހަނގުރާމައިގެ ސަބަބުން މަރުވެ އަދި ޙާލުގައި ޖެހެމުންދަނީ ސުރިޔާގެ ޢާންމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ބީ.ބީ.ސީ)