ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުން އޭނާ ދިފާއުކޮށް، ޕޯޗުގަލްގެ ފޯވާޑް ފްރެންސިސްކޯ ކޮންސެއިސާއޯ ވާހަކަދައްކައިފިއެވެ.

އުޒްބެކިސްތާނާ ދެކޮޅަށް މިރޭ ރާއްޖެގަޑިން 22:00 ގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޮންސެއިސާއޯ ބުނީ، ދަނޑުމަތީގައި ރޮނާލްޑޯއަށް ބޯޅަ ފާސްކުރަން ޕޯޗުގަލްގެ ކުޅުންތެރިންނަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ.

ކުޅުންތެރިން ބޯޅަ ދެނީ އެ ވަގުތަކު ދަނޑުމަތިން ހުސްކޮށް ހުންނަ ކުޅުންތެރިޔާއަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ލަނޑެއް ނުޖަހާ 10 މެޗު ހަމަކޮށްފައިވާއިރު، އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނަމަވެސް ކޮންސެއިސާއޯ ބުނީ ރޮނާލްޑޯއަކީ އޭނާގެ ކެރިއަރާއި، ކޮންމެ ދުވަހަކު ފަރިތަކުރުންތަކުގައި ދައްކާ ކުޅުމުގެ ސަބަބުން އާ ޖީލުގެ ކުޅުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށެވެ.

ޕޯޗުގަލްގެ ޓީމު އަލުން މޮޅުވުމުގެ މަގަށް ރުޖޫއަވުމަށްޓަކައި އަންގާރަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް މިރޭ ނުކުންނައިރު، ރޮނާލްޑޯއަކީ ޓީމަށް އެހީތެރިވުމަށް ހުރި މުހިންމު ކުޅުންތެރިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.