ެނީވާ (ސެޕްޓެމްބަރ 21) : ލީބިޔާގެ ބެންގާޒީގައިހުރި އެމެރިކާގެ ކޮންސިއުލޭޓަށް ޙަމަލާދީ އެތަން އަންދާލުމުގެ ޙާދިސާގައި އެމެރިކާގެ ސަފީރާއި އެމެރިކާގެ އިތުރު 3 ޑިޕްލޮމޭޓުން މަރުވި ޙާދިސާ ތަޙްޤީޤް ކުރުމަށް އެމެރިކާގެ "ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން" އެފްބީއައި ގެ އެޖެންޓުންގެ ޓީމެއް ލީބިޔާއަށް ހިނގައްޖެެ އެވެ.

މިކަން ހާމަކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ ލީބިޔާގައި މަރާލެވުނު އެމެރިކާގެ 4 ޑިޕްލޮމޭޓުންގެ މަރުގެ ޙާދިސާ ތަޙްޤީޤްކޮށް ޤާތިލުންނަށް އަބަދު ނުދެވެނީސް އެމެރިކާ މަޑުންނޯންނާނެ ކަމަށެވެ. ހިލަރީ މިހެން ވިދާޅުވެފައިވަނީ މިހަތަރު މީހުންގެ މަރުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާއިން ލީބިޔާއަށް ވައިގެ މަގުން ޙަމަލާދީ މީހުން މެރުމުގެ ހަރުކަށި ޢަމަލުތަކެއް ހިންގަފާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޚާއްސަކޮށް އެމެރިކާގެ ކޮންސިއުލޭޓަށް ޙަމަލާދިނުމުގެ ފަހަތުގައިވަނީ އަލްޤާޢިދާއާ ގުޅުންހުރި ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ "އަންސާރުއްޝަރީޢާ" ކަމަށް އެމެރިކާ ތުހުމަތުކޮށްފައިވާތީ ހަނގުރާމަވެރިންނަށް ޙަމަލާ ދިނުމުގެ ނަމުގައި ލީބިޔާގެ ބައެއް ސަރަޙައްދުތަކަށް ޙަމަލާދީ ޝަރްޢީ ދާއިރާއިން ބޭރުން ބާރުގެ ބޭނުންކޮށްގެން ހަރުކަށި ޢަމަލުތަކެއް އެމެރިކާ ހިންގަފާނެ ކަމުގެ ބިރު ލިބިޔާގެ ރައްޔިތުންނަށް ވަނީ އިޙްސާސްކުރަންޖެހިފަ އެވެ. މިބިރު އިޙްސާސް ކުރަމުންގެންދަނީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯތުތައް ލީބިޔާގެ އެތަންމިތަނުން އުދުހެމުންދާތަން އާދަޔާ ޚިލާފަށް ފެންނަމުންދާތީ އެވެ.

އެމެރިކާއިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާނުގެ އެތަށްބަޔަކު ޝަރީޢަތަކާނުލާ މަރަމުންގެންދަނީ ހަނގުރާމަވެރިންނަށް ޙަމަލާދިނުމުގެ ނަމުގަ އެވެ. މިޙަމަލާތަކުގައި ގިނައިން މަރުވަނީވެސް ޕާކިސްތާނުގެ ކުށެއްނެތް ޢާންމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ބެންގާޒީގައިހުރި އެމެރިކާގެ ކޮންސިއުލޭޓަށް ޙަމަލާދީފައިވަނީ ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް އެމެރިކާގައި ކުޅެފައިވާ ފިލްމާދެކޮޅަށް އެރަށުގައި ލީބިޔާގެ އެތަށް ސަތޭކަބަޔަކުކުރި އިޙްތިޖާޖްތަކުގެ ތެރޭގަ އެވެ. އެމެރިކާގެ ކޮންސިއުލޭޓަށް ޙަމަލާދިނުމުގެ ފަހަތުގައިވާ ކަމަށް އެމެރިކާ ތުހުމަތުކުރާ ލީބިޔާގެ "އަންސާރުއްޝަރީޢާ" ޖަމާއަތުންވަނީ މިޙަމަލާއާ އެޖަމާއަތާ އެއްވެސް ގުޅުމެއްނުވާ ކަމަށް ބުނެފަ އެވެ.

ލީބިޔާއިންވަނީ އެމެރިކާގެ ޑިޕްލޮމޭޓުން މަރުވި ޙާދިސާ ތަޙްޤީޤްކޮށް އެކަމުގެ ފަހަތުގައިވާ ފަރާތްތައް ޢަދާލަތަށް ޙާޒިރުކުރުމުގައި އެމެރިކާއަށް އެއްބާރުލުންދޭނެ ކަމަށް ބުނެފަ އެވެ. އަދި ޝަރްޢީ ދާއިރާއިން ބޭރުން ބާރުގެ ބޭނުންކޮށްގެން މައްސަލަ ޙައްލުކުރަން އެމެރިކާ މަސައްކަތް ނުކުުރާ ކަމަށާއި މިގޮތަށް އެމެރިކާ މަސައްކަތްކޮށްފިނަމަ ލީބިޔާގައި އިތުރު ހަމަނުޖެހުން އުފެދި ހަތިޔާރު އެޅި ޖަމާއަތްތަކުގެ ބާރު ލީބިޔާގައި ގަދަވެގެންދާނެ ކަމުގެ އިންޒާރު ލިބިޔާގެ މަސްއޫލުވެރިއަކު ވަނީ ދެއްވާފައިވެ އެވެ.

އެފް.ބީއައިގެ ގެ އެޖެންޓުންގެ ޓީމެއް ލީބިޔާއަށް ގޮސްފައިވާއިރު ލީބިޔާގައިވާ އެމެރިކާގެ މިޝަންތަކާއި އެެމެރިކާގެ މަސްލަޙަތު އޮންނަ ކުންފުނިތައް ޙިމާޔަތް ކުރުމަށް އެމެރިކާގެ މެރިން ސިފައިންގެ ފައުޖެއް ލީބިޔާގައި ޙަރަކާތްތެރިވަމުންދާ ކަމަށްވެސް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)