23 Jun 2026, 09:52
ސަރުކާރުން ޚަރަދުކޮށް އިމާރާތްކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު އިމާރާތްކުރަން ހުޅުމާލޭން ބިމެއް ކަނޑައަޅައިފައިވާ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.
ޤީލާ ވިދާޅުވީ، ނަފުސާނީ ފަރުވާ ދިނުމަށް އެ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ތިބެން ޖެހޭ ކަމަށެވެ.
"އަދި މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،" ޤީލާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ހާމަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން އޭރު ނިންމީ ބޭރުގެ އެހީތެރިކަމާ އެކު ކަމަށާއި، ބޭރުގެ ލޯނުގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ.
"ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ، އަދި މި މައްސަލައަކީ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ މައްސަލައެއް ކަމަށް ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރުމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް ކަމަށެވެ.
މެންޓަލް ހެލްތު ހޮސްޕިޓަލް ފުރަތަމަ ގާއިމްކުރަން ނިންމީ ލ. ގަމުގައެވެ.