ޓޫރިޒަމް ދާއިރާއިން ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖެއާ ބެހޭ މައުލޫމާތު ހިމެނޭ އައިފޯން އެޕްލިކޭޝަނެއް ތައާރަފްކޮށް، އެޕަލް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް( އެމްއެމްޕީއާރުސީ) ކޯޕަރޭޝަނުން މިއަދު ބުނީ މިހާރު ތައާރަފްކޮށްފައިވާ ފޯން އެޕްލިކޭޝަނަކީ ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކުލެވޭ ޑެސްޓިނޭޝަން ގައިޑެއް ކަމަށެވެ.

ރާއްޖޭގައި ހިންގާ ރިޒޯޓްތަކާއި ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި ރާއްޖޭގައި ދުއްވާ ސަފާރީތަކާއި ބެހޭ މައުލޫމާތާއި ރާއްޖޭގެ ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭ އެ އެޕްލިކޭޝަން މިހާރު ބޭނުން ކުރެވެނީ ހަމައެކަނި އެޕަލްގެ އުފެއްދުންތަކުގައި ކަމަށް ވިޔަސް މުސްތަގުބަލުގައި އެންޑްރޮއިޑް އަދި ބްލެކްބެރީ ފަދަ އުފެއްދުންތަކަށް ވެސް މިފަދަ ގައިޑްތައް ތައާރަފްކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ޒިބްރާ ކްރޮސްއިންނެވެ.

ޑެސްޓިނޭޝަން ގައިޑްގެ އިތުރުން މާލެއާ ގުޅޭ މައުލޫމާތު ހިމެނޭ އެޕްލިކޭޝަނެއް ވެސް ތައާރަފްކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި އަޖުމަ ބެލުމަށް ފަހު ރާއްޖޭގެ އަތޮޅުތަކުގެ އެޕްލިކޭޝަނެއް ވެސް ތައްޔާރުކުރުމަށް ގަސްދުކޮށްފައިވާ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

ޓޫރިޒަމް ދާއިރާއިން ރާއްޖެ އިޝްތިހާރުކުރުމަށް ފަހަކަށް އައިސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.