ތުރިޕާތީގެ ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދީފި
ތުރިޕާތީގެ ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދީފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕަންކަޖް ތުރިޕާތީގެ ބޭބެ، ބިޖެންދުރަ ނާތު ތިވާރީއަށް ބިހާރުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މަދޫޕޫރު ޕޮލިސް ސްޓޭޝަންގެ އިހްތިސާސްގެ ދަށުގައިވާ ބެލްސަންދު އަވަށުގައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'އައިއޭއެންއެސް'އިން މައުލޫމާތުދޭ ގޮތުގައި، މި ހަމަލާ އަކީ ދުވަސްވީ ދެބަސްވުމަކާ ގުޅިގެން ދީފައިވާ ހަމަލާއެކެވެ. މި ހަމަލާގައި ބިޖެންދުރައަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފުރަތަމަ އޭނާއަށް ފަރުވާދީފައި ވަނީ އެ ސަރަހައްދުގެ ސިއްހީ މަރުކަޒެއްގައެވެ. ނަމަވެސް، ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މިހާރު ވަނީ ޕަޓްނާއަށް ބަދަލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހަމަލާދިން މީހުން ތިބީ އެ އަވަށުގައި ބިޖެންދުރައަށް ފާރަލައިގެންނެވެ. އަދި އޭނާ ފެނުމާ އެކު ކުއްލި ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައިވެއެވެ.

މި ހާދިސާއާ ގުޅިގެން އައިއޭއެންއެސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ބިޖެންދުރަ ނާތު ތިވާރީގެ ހާލު ވަރަށް ނާޒުކެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލައި، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޕަންކަޖް ތުރިޕާތީ އަދި އެކްޓަރުގެ ބޭބެ ބިޖެންދުރަ ނާތުއަށް ހޮސްޕިޓަލުގައި ފަރުވާދެނީ--ފޮޓޯ/އިންޑިއާޓުޑޭ

ހަމަލާއަށްފަހު އޭނާގެ އާއިލާގެ މީހުންނާއި އަވަށު މީހުން ގުޅިގެން ބިޖެންދުރަ ވަގުތުން މޮޑެލް ސަދަރު ހޮސްޕިޓަލަށް ގެންގޮސް ކުއްލި ފަރުވާ ދީފައިވެއެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި، ފުރަތަމަ އެހީ ދިންއިރުވެސް އޭނާގެ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ.

ލިބިފައިވާ އަނިޔާތަކުގެ ސީރިއަސްކަމުން، ޕަޓްނާގެ ހޮސްޕިޓަލެއްގައި ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން އޭނާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިހާތަނަށް ރަސްމީ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ނެޝަނަލް އެވޯޑު ދެ ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ ޕަންކަޖު އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެތެރޭ ހިމެނޭ ތަރިއެކެވެ. ފިލްމު "ގޭންގްސް އޮފް ވަސޭޕޫރު"، "އޮމްކާރާ"، "އަގްނީޕަތު" އަދި "މިރުޒާޕޫރު"ފަދަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރު އެންމެފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މެޓްރޯ އިން ދިނޯ"އިންނެވެ.