އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރަށް ދީފައި މައްސަލައާ ގުޅޭ ގޮތުން ހުރިހާ ފަރާތްތަކުން ދައްކާ ވާހަކަތައް އަޑު އައްސަވަމުންގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީ ބައިވެރިވެވަޑައިގަންނަވަން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުވުގައި ރައީސް ވަހީދު ވިދާޅުވީ ޖީއެމްއާރް މައްސަލަގައި ގޮތެއް ނިންމުމަކީ ވަރަށް އަވަހަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ދަނޑިވަޅު އައުމުން އެކަން ކުރައްވާނެ ކަމަށެވެ.

"ޖީއެމްއާރު އިޝޫގައި ވަރަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކަވަމުން އެބަ ގެންދަވާ. އަޅުގަނޑު އެ ހުރިހާ ވާހަކައެއް ވެސް އެބަ އަޑު އަޑުއަހަން. އަޅުގަނޑުދެކޭ ގޮތުގައި އެކަމަކީ ވަރަށް އަވަހަށް ކުރަން ޖެހޭ ކަމެއް. އެހެން ނަމަވެސް އޭގެ ރަނގަޅު ވަގުތު ޖެހުމާއި އެކީގައި އެކަން ކުރުމުގައި އަޅުގަނޑު ނަގަން ޖެހޭ ފިޔަވަޅު ނެގުމަށް ކުޑަކޮށްވެސް ފަހަކަށް ނުޖެހޭނަން،"

ރައީސް ވިދާޅުވީ ޖީއެމްއާރް މައްސަލަގައި އެމަނިކުފާނު ވަކި ގޮތެއް ނިންމަވާނީ ހުރިހާ މައުލޫމާތު ތަކަށް ބެއްލެވުމަށްފަހު ރާއްޖެއަށް އެކަމުން އެންމެ ފައިދާ ކުރާނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މައުލޫމާތު ތަކަށް ބިނާކޮށްފައި، އެންމެ ރަނގަޅު ދަނޑިވަޅު ބަލާފައި ރާއްޖެއަށް އެކަމުން އެންމެ ފައިދާ ބޮޑު، އެންމެ ގެއްލުން ކުޑަ ގޮތަކަށް އެކަން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ޖީއެމްއާރާއި އެއާޕޯޓު ހަވާލުކޮށްފައި އޮތުމާއި ގުޅޭގޮތުން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ވިސްނުން ސަރުކާރާއި ހިއްސާ ކޮށްފައިވާއިރު ރައީސް ވަހީދު އެ ކަންތައްތަކުގައި ދެކެވަޑައިގަންނަވާ ގޮތްވެސް މިހާރު ވަނީ ޕާޓީތަކާ ހިއްސާ ކުރައްވާފަ އެވެ.