21 Sep 2012, 11:15
މިއަހަރު ރާއްޖެއިން ހައްޖަށް ދާން ބޭނުންވާ މީހުނަށް އިތުރު 500 ކޯޓާ ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އދ. ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ނިއުޔޯކަށް ފުރާ ވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަން ކައިރީގައި ހުންނަވައިގެން ރައީސް ވިދާޅުވީ ހައްޖަށް ދާން ބޭނުންވާ މީހުނަށް މިފަހަރު ދިމާވެފައިވާ ދަތިތައް ހައްލު ކުރަން އެމަނިކުފާނު ދަތުރުފުޅުގައި މަސައްކައްކަތް ކުރައްވާނެ ކަމަށެވެ.
އެ މަސައްކަތުގައި ރާއްޖެއަށް ބޭނުންވާ އިތުރު 500 ކޯޓާއި ލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުވެސް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދު ވަރަށް ބޮޑު. ވަރަށް އަވަހަށް އިތުރު 500 ޖާގަ [ހައްޖަށް ގެންދިއުމަށް] ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ކޯޓާ ލިބިފައި ނެތް ބައެއް ޖަމާއަތްތަކުން ރާއްޖެއިން ބޭރު ކޯޓާގެ ދަށުން މީހުން ހައްޖަށް ގެންދިއުމަށް ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުން އަތުން ފައިސާ ނަގައި އެ ގްރޫޕްތަކުގެ ހަބަރެއް ނުވެގެން މައްސަލަތަކާއި ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ރާއްޖެއަށް ހައްޖު ކޯޓާގެ މައްސަލަ ކުރިމަތިވެފައި މި ވަނީ އެހެން އަހަރުތަކުގައި ދޭ އިތުރު 500 ކޯޓާ މި އަހަރު ނުލިބުމުންނެވެ. ކޯޓާ ނުލިބޭނެކަން އެނގުނު އިރު ބައެއް ޖަމާއަތްތަކުން ވަނީ މި ކޯޓާ އަށް ބަލައިގެން މީހުން އަތުން ފައިސާ ނަގައިފަ އެވެ.
އެހެން ގައުމުތަކަށް ލިބިފައިވާ ކޯޓާގެ ދަށުން ދިވެހިން ހައްޖަށް ގެންދިއުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާތީ އެއީ މަނާކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.