22 Jun 2026, 13:56
ފިހާރައަކުން އައިނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯ އާންމުކޮށް، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރި ކަމަށް އެދިފައެވެ.
އެ ވީޑިއޯއިން ފެންނަނީ، ތޮއްޕަކާއި އައިނެއް އަޅައިގެން ހުރި ފިރިހެނަކު އައިނު ފިހާރައަކަށް ވަދެ، އެ ތަނުގެ އައިނުތައް ކައިރީ ހުންނަ ތަނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން، ކަޅު ކުލައިގެ އައިނެއް ނަގައި، ގަމީހުގެ އެތެރެއަށް ލާ މަންޒަރު ވެސް ފެނެއެވެ. އަދި، އެ ކަން ހުއްޓުވުމަށް އެ ފިހާރައިގެ މުވައްޒަފަކު އެ މީހާއާ ދިމާލަށް އަންނަ ތަން ފެނެއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހޯދަން ބޭނުންވި ނަމަވެސް، އޭނާ ދެނެގަނެވިފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ވައްކަމާއި ފުލުހުން ތަހުގީގު ކުރާ އެކި މައްސަލަތަކުގައި މީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދެއެވެ. މިފަދަ ބައެއް މައްސަލަތަކުގައި މީހުންގެ ވީޑިއޯ ވެސް އެ މުއައްސަސާއިން އާންމުކުރެއެވެ.