21 Sep 2012, 10:56
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫފް (ސީމެގް) ގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީ ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހެނދުނު ނިއުޔޯކަށް ފުރާވަޑައިގަންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ސީމެގްގެ ދެން އޮންނަ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ބުނެފައި އޮންނާނީ ސީދާ އަޅުގަނޑު ބައިވެރިވާނެމޭ މިފަހަރު،" ރައީސް ވިދާޅުވި އެވެ.
ސީމެގްގެ ބައްދަލުވުމަކީ ރައީސުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް ނޫންކަމުގައި ވިއަސް އެ ބައްދަލުވުގައި ބައިވެރިވަޑައިގެން ސީމެގް އެޖެންޑާއިން ރާއްޖެ ނަގަން ޖެހިފައިވާ ކަމަށާއި އެ އެޖެންޑާއިން ރާއްޖެ ނަގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އާންމު ގޮތެއްގައި ރައީސުން ބައިވެރިވާ ތަނެއް ނޫން އެއީކީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެނަށް އެބަޖެހޭ ސީމެގުގެ އެޖެންޑާއިން ރާއްޖެ ނަގަން. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް ސީމެގް އެޖެންޑާއިން ރާއްޖެ މި ފަހަރު ނެގޭނެ ކަމުގެ،" ރައީސް ވިދާޅުވި އެވެ.
ސީމެގްގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ނިއުޔޯކްގަ އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރެއްވުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ފުރުސަތުތަކުގައި ރާއްޖެއަށް އެކި އެކި ފަސޭހަތައް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ބަޖެޓަށް ފައިސާ ހޯދަން ކުރާ މަސައްކަތް މި ދަތުރުފުޅުގައި ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މަހު އޮންނަ އދ. އާއްމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު ދެ ފަހަރު ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
"ފުރަތަމަ ފަހަރު އެއީ ގާނޫނު ދެމެހެއްޓުމާއި ބެހޭ ގޮތުން އޮންނަ ހައިލެވެލް ސެގްމެންޓްގައި، އެތާނގައި އަޅުގަނޑު ވާހަކަ ދައްކާނަން. ދެން އެއަށްފަހު ޖެނެރަލް އެސެމްބްލީގެ ޖެނަރަލް ޑިބޭޓްގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އަޅުގަނޑު ތަގްގީރު ކުރާނަން،"
އެމަނިކުފާނު ވިދާޅުވީ ޖެނަރަލް އެސެމްބްލީ ބަހުސްގައި ބޮޑަށް އަލި އަޅުއްވާލައްވާނީ ބައިނަލް އަގުވާމީ މުޖުތަމައުތަކުން އަމަލުކުރަމުންދާ ގޮތުގެ މައްޗަށް ކަމަށެވެ. އެގޮތުން ކުދި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖެއާއި މެދު ބޮޑެތި ގައުމުތަކުން ކަންތައްތައް ކޮށްފައިވާ ގޮތްތަކަށްވެސް އަލިއަޅުއްވާ ލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.