ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށްޓަކައި ހިންގާ ޚާއްސަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށްގެންދާ މި ކޯހަކީ އެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި، މިއީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، އިގްތިސާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއީ މިއަހަރު ބާއްވާ މިފަދަ ދެވަނަ ކޯހެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށްފައިވާ ގެޒެޓުގައިވާ ގޮތުން ޖުމްލަ 15 ފަރާތަކަށް ފުރުޞަތު ހުޅުވާލާފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ އޮގަސްޓު މަހުގެ 8 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާދަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމްތަކުގެ އިތުރުން، މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތައްވެސް ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކުވާ ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން[email protected]އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.