މި ސަރުކާރުން މޯލްޑިވްސް 2.0 ބިލު ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅީ އަންނަ ރިޔާސީ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ތައާރަފުކޮށް އިންތިޚާބުގެ ނަތީޖާއިން ވައްކަންކުރުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރު ފަރާތުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު, މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޢަލީއެވެ.

ބިލަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވަނީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ މަގުސަދާ ގުޅޭގޮތުން ސުވާލު އުފައްދަވައިފައެވެ.

"އީ-ވޯޓިންއަށް ދިއުމަށްޓަކައި ހުށަހަޅައިފައި އޮތް ބިލެއް މި ބިލަކީ، މިއަދު އިތުރު އޮފީހެއް ހަދައިގެން މުވައްޒަފުން ނަގައިގެން ވޯޓުން ވައްކަންކުރަން ހުށަހެޅިފައި އޮތް ބިލެއް މިއީ،" ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށް ވިދާޅުވެ ޢަބްދުލްޣަފޫރު ވިދާޅުވީ، ނަރުދަމާ އެޅުން ފަދަ ކަންކަން ނުކޮށް ސަރުކާރުން މަސައްކަތްކުރަނީ ވަގު ވޯޓު އެޅުމަށް ކަމަށެވެ.

ޢަބްދުލްޣަފޫރު ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ގާނޫނުތައް ތައާރަފުކޮށް ގާނޫނުތައް އިސްލާހުކުރަނީ ހެޔޮ ނިޔަތުގައި ކަމަށްވީ ނަމަވެސް، ރާއްޖޭގައި ގާނޫނުތައް ތައާރަފުކުރަނީ އެކި ކަންކަމުން ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައެވެ.

މިހާތަނަށް ސަރުކާރުން ހުށަހެޅި އެއްވެސް ބިލަކުން އަދި ކުރި އެއްވެސް ކަމަކުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް، އޭނާ ވިދާޅުވިއެވެ.

"ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެއްޖެ، ފެން ބިލު ބޮޑުވެއްޖެ، ކާ އެއްޗެހީ ގަތުން އެ އޮތީ އިންތިހާއަށް އަރައިފައި، ޑޮލަރު 21 ރުފިޔާއަށް އަރަނީ،" އޭނާ ވިދާޅުވިއެވެ.

ސައްހަ ވޯޓަކުން މި ސަރުކާރަށް އިންތިޚާބެއް ނުލިބޭނެ ކަމަށްވެސް، ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ސަރުކާރު ފަރާތުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅި މަގުސަދު ކަމަށް ބަޔާންކޮށްފައިވަނީ، އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމަށާއި، މޯލްޑިވްސް 2.0 ގެ ކަންކަން ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިއަހަރުގެ ކުރީކޮޅު ވަނީ، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އުވާލައި، މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައިފައެވެ.

ބިލުގައިވާ ކަންކަމަށް ބަލާއިރު، މޯލްޑިވްސް 2.0ގެ އެންމެހައި ކަންކަން ވިލަރެސްކުރާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ. އެންސީއައިޓީ އުވައިލުމުން އެ އިދާރާއިން ކުރަމުން އައި ހުރިހާ މަސައްކަތަކާއި އެ އިދާރާގެ މަސްއޫލިއްޔަތުތައް މިހާރު އޮންނާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ދަށުގައެވެ.

ބިލު ގާނޫނަކަށް ވުމުން، ޑިޖިޓަލް ގަވަނަންސް އެޑްވައިޒަރީ ކޮމިޓީގެ ނަމުގައި މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ލަފާދިނުމަށް ކޮމިޓީއެއް އުފައްދަން ޖެހޭނެއެވެ. ހަތް މެންބަރުންގެ އެ ކޮމިޓީގައި ތިބޭނީ ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރާއި، ނޭޝަނަލް ސައިބާ ސެކިއުރިޓީގެ ފަންނީ މުވައްޒަފަކާއި އައިޓީ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މާހިރުންނާއި، އަދި އައިޓީ ދާއިރާގެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ މާހިރެކެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ 45 ދުވަހުގެ ތެރޭ މި ކޮމިޓީ އުފައްދަންވާނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދަންވާނެ ކަމަށް ވެސް ބިލުގައިވެއެވެ. އެ ކައުންސިލު މިދިޔަ ސެޕްޓެންބަރު މަހުގެ 22ވަނަ ދުވަހު ވަނީ މި ކައުންސިލު އުފައްދައިފައެވެ.

މި ބިލުގައި މޯލްޑިވްސް 2.0 ގެ ކަންކަމާއި ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ ތަފުސީލުތައް ހިމަނައިފައިވެއެވެ.