ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމާއި ބެހޭގޮތުން ހަ ސިޔާސީ ޕާޓީއަކާއި މަދަނީ އިއްތިހާދު ގުޅިގެން ބައްދަލުވުމެއް ބޭއްވި އިރު އެއްވެސް ކަހަލަ ޕްލޭނެއް ރޭވިފައި ނެތްކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން މިރޭ ވިދާޅުވީ މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން ޖީއެމްއާރާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެއްވެސް ރޭވުމެއް ނެތި ބޭއްވި ބައްދަލުވުމެއްކަމަށާއި އެކަހަލަ ބައްދަލުވުންތަކުގައި އެޕާޓީން ބައިވެރިނުވާނެ ކަމަށެވެ.

އެ ބައްދަލުވުން ބޭއްވުމުގެ އެއްދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކާއި ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުން ނިންމައިލީ ޖީއެމްއާރު މައްސަލައިގައި ސަރުކާރުން ޕާޓީތަކަށް އިތުރު މައުލޫމާތުތައް ދިނުމުން އެކަންކަން ދިރާސާ ކުރުމަށްފަހު އިތުރު ބައްދަލުވުމެއް ބާއްވަން އެއްބަސްވުމަށް ފަހު ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. ކުރިން އެއްބަސްވެވިފައިވާ ގޮތަށް އެ ބައްދަލުވުން ނުބާއްވައި ޖީއެމްއާރާއި ގުޅޭގޮތުން ނިވްސްކޮންފަރެންސެއް ބޭއްވުމަކީ އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށް ދެކެ ވަޑައިގަންނަވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"[އެ ނިވްސް ކޮންފަރެންސް ބޭއްވުމުގެ] ދެ ދުވަހެއް ކުރިން ރައީސް ޑރ. ވަހީދު [ސަރުކާރުގައި ހިމެނޭ] ހުރިހާ ޕާޓީތަކުގެ ވެރިންނާއި ބައްދަލުކުރެއްވި. މިކަމުގަ މައުލޫމާތުދީ މިކަމުގަ މަޝްވަރާ ކުރުމަށް. ބައްދަލުކޮށްފަ ބައެއްކަހަލަ މައުލޫމާތާއެކު އަޅުގަނޑުމެން އެދުވަހު ނިންމާލީ ސަރުކާރުން އަޅުގަނޑުމެންނަށް އިތުރު މައުލޫމާތުތައް ފޯރުކޮށް ދިނީމާ އެ އެއްޗިހި އަޅުގަނޑުމެން ދިރާސާ ކުރުމަށްފަހު އަލުން އިށީންނަން. އަޅުގަނޑު ދެކޭގޮތުގަ އަލުން އިށީނުމުގެ ކުރިން އަމަލުކުރަން ހަރަކާތްތެރި ވުމަކީ އެންމެ ފައިދާ ހުރިގޮތެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއަށް އެކިގޮތްގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދީފައިވާ އަދި ރާއްޖެއާއި ގާތް ރަހުމަތްތެރި ގައުމަކަށް ވާއިރު އިންޑިއާއަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކަން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަކީ އެޕާޓީން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ޖީއެމްއާރާއެކު ޑީއާރްޕީގެ ލިޑާޝިޕްގެ ބައެެއް ބޭފުޅުން ގުޅުންތަކެއް ބާއްވަމުން އަންކަމަށް ބައެެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާއިރު ތަސްމީން ވަނީ އެވާހަކަތައް ދޮގުކުރައްވާފަ އެވެ.
ކުރީގެ ސަރުކާރުން އެއާޕޯޓް ޖީއެމްއާރާއި ހަވާލުކޮށްފައި ވަނީ ޑީއާރްޕީން އެކަމާ ނުރުހުން ފާޅުކޮށް، އެކަންވިޔަ ނުދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.