ސަންޖޭގެ ފިލްމު ސެޓުގައި މަރުވި މީހެއްގެ އާއިލާއަށް ބަދަލުދޭން އެދިއްޖެ
ސަންޖޭގެ ފިލްމު ސެޓުގައި މަރުވި މީހެއްގެ އާއިލާއަށް ބަދަލުދޭން އެދިއްޖެ

ހިންދީ ސިނަމާގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި މަސައްކަތްތެރިއަކު މަރުވުމާ ގުޅިގެން، ބަދަލުގެ ގޮތުގައި 50 ލައްކަ ރުޕީސް ހޯދުމަށް ފިލްމީ ދާއިރާގެ ޖަމިއްޔާއަކުން އެދިއްޖެ އެވެ.

ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ)އިން ސަންޖޭގެ ކިބައިން އެދިފައި ވަނީ، ފިލްމު ސެޓުގައި މަސައްކަތްކުރަމުން ދިޔަ ކާޕެންޓަރުގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެ މަސައްކަތްތެރިޔާގެ ދެ ކުދިންގެ ތައުލީމީ ހަރަދުތައް ހަމަޖައްސައިދިނުމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ޗަންދްރަދާރީ ސިންގް ޔާދަވް ނަމަކަށް ކިޔާ މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ފަތިހު ފިލްމުގެ ސެޓުގައި މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓުގައި ޖެހިގެންނެވެ. އޭނާ މަރުވިއިރު އަތްބަކާއި ދެ ކުދިން އެބަތިއްބެވެ.

ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑް ތަރިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

މިކަމާ ގުޅޭގޮތުން އެފްޑަބްލިއުއައިސީއީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސަންޖޭ މިހާތަނަށް އާއިލާއަށް ބަދަލުގެ ގޮތުގައި 40 ލައްކަ ރުޕީސް ދީފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު 50 ލައްކަ ރުޕީސްއަށް އިތުރުކޮށްދިނުމަށް އެފްޑަބްލިއުއައިސީއީން ވަނީ އެދިފައެވެ.

މީގެ އިތުރުން، މަރުވި މަސައްކަތްތެރިޔާގެ ދެ ކުދިންގެ ކިޔެވުމުގެ ހަރަދުތައް ބެލެހެއްޓުމަށް ވެސް އެ ޖަމިއްޔާއިން ސަންޖޭގެ ކިބައިން އެދިފައިވެއެވެ.

ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑް ރޯލްތަކުން ފެންނާނެ ފިލްމު "ލަވް އެންޑް ވޯ" އަކީ، ދެ އަސްކަރީ އޮފިސަރުންނާއި އަންހެން ކެރެކްޓާއެއްގެ މެދުގައި ހިނގާ ލޯބީގެ ތިނެސްކަން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހަށެވެ.