ފިލްމު 'ކޮކްޓެއިލް 2'އަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް
ފިލްމު 'ކޮކްޓެއިލް 2'އަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް

މީގެ 26 އަހަރު ކުރިން ޑައިރެކްޓަރު ހޯމީ އަދަޖާނިއާ ގެނެސްދިން ފިލްމު "ކޮކްޓެއިލް"ގެ ދެވަނަ ފިލްމު މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށް ފިލްމީ ޚަބަރުތައް ބުނެފިއެވެ.

ބޮކްސް އޮފީހުގައި "ކޮކްޓެއިލް 2"އަށް ރަނގަޅު ފެށުމެއް ލިބިފައިވާއިރު މި ފިލްމަކީ، މި ޒަމާނުގެ ޒުވާނުންނާ ގުޅޭގޮތަށް އުފައްދާފައިވާ ތިނެސްކަން ލޯބީގެ ވާހަކައެއް ކަމަށް ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފައިވެއެވެ.

ފިލްމު ރިވިއުކުރުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ތަރަން ބުނީ، "ކޮކްޓެއިލް 2"ގެ ޓީމުން ވަނީ އުއްމީދުކުރި ވަރަށްވުރެ މާ ރީތިކޮށް ފިލްމުގެ ވާހަކަ ގެނެސްދީފައި ކަމަށާއި ތިނެސްކަން ލޯބީގެ ޖޯންރާ މިޒަމާނާ ގުޅޭގޮތަށް ގެނެސްދިނުމަކީ އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ އުފެއްދުންތެރިކަން ދައްކުވައިދިން ކަމެއް ކަމަށެވެ. ފިލްމު ބެލުމަށްފަހު ތަރަން ވަނީ "ކޮކްޓެއިލް 2"އަށް ހަތަރު ތަރީގެ ރޭޓިންގްއެއް ދީފައެވެ.

ފިލްމު "ކޮކްޓެއިލް 2"ގެ ޕްރޮޑިއުސަރު ދިނޭޝް އަދި ޑައިރެކްޓަރު ހޯމީ ފިލްމުގެ ލީޑް ތަރިންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މެޑޮކް ފިލްމްސް އަދި ލަވް ފިލްމްސް ބެނާގެ ދަށުން ގެނެސްދިން "ކޮކްޓެއިލް 2"ގެ ވާހަކަ ލިޔެފައި ވަނީ ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ލަވް ރަންޖަން އާއި ތަރުން ޖެއިންއެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ "ކޮކްޓެއިލް 2"އަށް މިހާތަނަށް 65 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައިވާއިރު މި ފިލްމު އުފައްދާފައި ވަނީ 150 ކްރޯޑު ރުޕީސްގެ ބަޖެޓަކުންނެވެ.

ޝާހިދު ކަޕޫރް، ކްރިތީ ސެނޯން އަދި ރަޝްމިކާ މަންދަންނާ ލީޑް ރޯލު ކުޅެފައިވާ "ކޮކްޓެއިލް 2"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފައި ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި ރަނގަޅުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިލްމު އެނަލިސްޓުން ވަނީ ބުނެފައެވެ.