ބޯކޮށް ވާރޭ ވެހި މާލޭގައި ފެން ބޮޑުވުމުގެ ބައެއް ފިހާރަތަކަށާއި ބައެއް ގޭގެއަށް ފެން ވަދެފައި ވަނިކޮށް ސިފައިން ނުކުމެ ފެންހިއްކަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިރޭ ވިދާޅުވީ މާލޭގެ ތިން ސަރަހައްދެއްގައި ޕަންޕުޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހަވީރު 5:15 އެހާކަންހާއިރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގިޔާސުއްދީން ސްކޫލް ހިމެނޭ ސަރަހައްދާއި ކުނިކޮއްޓާއި ދިމާލު ސްޓޭޑިއަމް ކަންމައްޗާއި އަދި އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެތެރެއިން އެއްތަނަކަށް ގިޔާސުއްދީން ސަރަހައްދުގައި ފެން ޕޮއިންޓެއް ޖަހައިގެން ޕަންޕު މެދުވެރިކޮށް އެތަނުން ފެން ހިއްކުމާއި ދެން މާފަންނު ކޮޅު ކުނިކޮއްޓާ ދިމާލު ސުޓޭޑިއަމް ކަންމައްޗާއި އައިޖީއެމްއެޗް ސަރަހައްދު ގައި ފެން ޕޮއިންޓެއް ޖަހައިގެން ޕަންޕު މެދުވެރިކޮށް ފެން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތިން ސަރަހައްދަކީ އާންމުކޮށް ފެންބޮޑުވާ ސަރަހައްދަކަށް ވާތީ އެތަންތަނުން ފެން ހިއްކުމުން މުޅިމާލޭގައި ބޮޑުވެފައިވާ ފެންގަނޑު ކޮންޓްރޯލް ކުރެވޭނެތީ އެ ސަރައްދުތަކުގައި ޕަންޕު ޖަހައިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އިތުރު ތަންތާގައި ޕަންޕު ޖަހަން ޖެހިއްޖެ ނަމަ ޕަންޕުޖަހައިގެން މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސިފައިން ކުރަމުން ގެންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށްވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވެ، އާންމުންނާއި ދުއްވާ އެއްޗެއްސަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް މެދު އަތޮޅުތަކާއި ދެކުނުގެ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފައެވެ.