ފެނަކަ ކޯޕަރޭޝަނުން ކުރިން ހިންގި މ. އަތޮޅުގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ވަނީ މ. އަތޮޅުގެ ދިއްގަރާއި ކޮޅުފުއްޓާއި މަޑުއްވަރީގެ އިތުރުން މުއްޔާއި ނާލާފުއްޓާއި ރަތްމަންދޫ އަދި ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތަކާއި އެކުންފުނިން މިއަދު ރަސްމީކޮށް ހަވާލުވެފައިވާ ކަމަށް ބުނެފައެވެ.

ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައިި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިނެވެ.

ސްޓެލްކޯއިން ބުނީ ފެނަކަ ކޯޕަރޭޝަނުން ޔުޓީލިޓީ ޚިދުމަތް ދެމުންދިޔަ އެ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައި ވަނީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފިނޭންސް މިނިސްޓްރީއިން ވަނީ އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން މ އަތޮޅާއި ބ އަތޮޅުގެ އިތުރުން ޅ އަތޮޅުގައި ފެނަކައިން ދެމުންފިޔަ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.

ސްޓެލްކޯއިން މިހާރުވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ކ އަތޮޅާއި އއ އަތޮޅާއި އދ އަދި ވ އަތޮޅުގައި ޔުޓިލިޓީގެ ޚިދުމަތް ދެމުންނެވެ.