ކިޑްސަލް 2026: އެސްޕަޔާ ފަހަތަށް ޖައްސާލައި ނިއު ރޭޑިއަންޓް ގްރޫޕްގެ އެއްވަނައަށް
ކިޑްސަލް 2026: އެސްޕަޔާ ފަހަތަށް ޖައްސާލައި ނިއު ރޭޑިއަންޓް ގްރޫޕްގެ އެއްވަނައަށް

ކްލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް 2026 ފުޓްސަލް މުބާރާތުގެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕްގެ އެއްވަނަ ހޯދުމަށް ނިއު ރޭޑިއަންޓާއި އެސްޕަޔާ އެކަޑެމީ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ލަނޑުގެ ތަފާތުން ކުރިހޯދައިގެން ނިއު ރޭޑިއަންޓަށް ގްރޫޕްގެ އެއްވަނަ ލިބުނުއިރު، އެސްޕަޔާ އެކަޑެމީއަށް ލިބުނީ ދެވަނައެވެ.

މެޗު ފަށައިގެން އެސްޕަޔާއިން ވަނީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަލްސަން ބިން ހިސާން އާއި އަހުމަދު އާހިލް ހުސައިނެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޔޫސުފް ލާއިގް އިބްރާހިމް ޖެހި ލަނޑުން ނިއު ރޭޑިއަންޓުން ފަރަގު ކުޑަކުރި ނަމަވެސް، އޭގެ މިނެޓެއް ފަހުން އާހިލް ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް އެސްޕަޔާއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

އެހެންނަމަވެސް، މެޗުގެ ފަހުކޮޅު ނިއު ރޭޑިއަންޓުން ދެއްކި ހިތްވަރާއެކު ރާއިޝް ރަމީޒް އަދި މުހައްމަދު ޔަމަކް ނަޝީދު ވަނީ ލަނޑުތަކެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ގްރޫޕްގައި ކުޅުނު އެޗްވައިއެސްސީ އެކަޑެމީ އާއި ބިސް ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

ކްލަބް މޯލްޑިވްސް ކިޑްސަލްގައި ބިސް ބުރު ސްޕޯޓްސް ކުލަބާއި އެޗްވައިއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މެޗުގެ ކުރީކޮޅު އެޗްވައިއެސްސީން ލީޑު ނެގި ނަމަވެސް، ބިސް ބުރުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ދިހަ މިނެޓުތެރޭ އެޗްވައިއެސްސީ އިން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.

އޭގެ ފަހުން އިދްހާން ބިން އަބްދުﷲ ޖެހި ލަނޑުން ބިސް ބުރުން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، އޭގެ މިނެޓެއް ފަހުން ޔޫޝައު މުހައްމަދު ފާއިޒް ވަނީ އެޗްވައިއެސްސީ އަށް ލަނޑެއް ޖަހައިދީ މެޗު އެއްވަރުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީން ކެޓީ އެޑްވެންޗާ އެކަޑެމީ އެކަންޏެވެ. މިއާއެކު ގްރޫޕްގެ އަނެއް ހަތަރު ޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.