ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަޙްމަދު ވަޙީދެވެ.

މި ހަފްލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙާއި ކައުންސިލަރުންނާއި އިމިގްރޭޝަންގެ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ދަރަވަންދޫ ރައްޔިތުން ބައިވެރިވިއެވެ.

ދަރަވަންދޫގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފެށުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށިގެން ދިއުމާއެކު، ބ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކުން އިމިގްރޭޝަން "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު އޭދަފުށި ނޫނީ ދަރަވަންދޫ ޚިޔާރުކުރެވޭނެ ކަމަށް، އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، އޭދަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 12ވަނަ ދުވަހެވެ.