ކުރީގެ ރައީސް މުހައްދު ނަޝީދުގެ ޤަރާރަކުން، ފަޅުރަށްރަށުގެ ގޮތުގައި ހަމަޖެއްސެވި ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި، ފުވައްމުލަކު ތޫނޑު ސަރަޙައްދަކީ ފަޅު ރަށްރަށް ނޫންކަމަށް ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ލަފާ އަރުވައިފި އެވެ.

ބިޅިފޭށި ސަރަހައްދާއި ތޫނޑަކީ ދެ ފަޅު ރަށް ކަމަށް ކުރީގެ ރައީސް ނަޝީދު ނިންމެވީ ސެޕްޓެމްބަރު 2، 2011 އިގަ އެވެ.


ރައީސް ނަޝީދުގެ ސަރުކާރުން ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި، ފުވައްމުލަކު ތޫނޑު ސަރަޙައްދު، ދެ ފަޅު ރަށްކަމަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ރުޙާ ޚިލާފަށް ކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ފުވައްމުލައް އެއްރަށެއްގެ ގޮތުގައި ބާއްވަން އެރަށުގެ ގިނަ ރައްޔިތުން އެދޭ ކަމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު ފާހަގަކުރެއްވި އެވެ.

ބިޅިފޭށި ސަރަޙައްދާއި، ތޫނޑު ސަރަޙައްދަކީ، ދެ ރަށުގެ ގޮތުގައި ރައީސް ނަޝީދު އޭރު ކަނޑައަޅުއްވައި، ގަރާރު ކުރެއްވީ "ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ" މިނަމުގައި ފުވައްމުލަކުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައެވެ.

އޭރު ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުގެ އިރު ދެކުނުން އޮންނަ ބިމާއި ފުވައްމުލަކު ތޫނޑު ސަރަހައްދުގައި ސިޓީ ހޮޓާ އެޅުމަށް ނިންމާފައިވާ ބިން ކަމަށެވެ. އޭގެ ތެރެއިން އެއާ ޕޯޓް ސަރަހައްދުގެ ބިން ކަނޑައެޅީ "ބިޅިފޭށި" ރަށަށެވެ. ސިޓީ ހޮޓާ އަޅާ ބިން ކަނޑައެޅީ "ތޫނޑު" ރަށަށެވެ.

"އަޅުގަނޑު މި ނިންމަނީ މި އަތޮޅުގެ ވަކި ދެ ސަރަހައްދަކީ ވަކި ދެ ފަޅުރަށް ކަމަށް ކަނޑައަޅަން. ރާއްޖޭގެ އާންމު ގާނޫނުތައް މިކަން ކުރުމުގެ ރަނގަޅު އިޖުރާއަތެއް ސަރުކާރަށް ފޯރުކޮށްދީފައި އެބައޮތް. އޭގެ ތެރެއިން ރައީސުލް ޖުމްހުރިއްޔާއަށް ގާނޫނުގައިވާ ހުދޫދުގެ ތެރެއިން ގާނޫނުގައިވާ ހަމަތަކުގެ މަތިން ފަޅު ރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް ކަނޑއެޅުން އެބަ ލިބިދޭ އެހެންވީމާ ސަރުކާރުން ގަސްދު ކުރަނީ ފުވައްމުލަކުގެ ދެ ސަރަހައްދެއް ދެ ފަޅުރަށުގެ ގޮތުގައި ކަނޑައެޅުމަށް. މިއަދުގެ ފަހުން ނިމިގެންދާ އެންމެ މުހިންމު ނިންމުމަކީ މި އަތޮޅުގައި މިހާރު ދެ ފަޅުރަށް އެބަ އޮތްކަން،" އޭރު ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަދި ވިދާޅުވީ މުލަކުގައި ސަރުކާރުން ކަނޑައެޅި ދެ ފަޅުރަށަކީ ޓޫރިޒަމްގެ މަސައްކަތަށް އަމާޒު ކުރެވޭނެ ދެ ފަޅުރަށް ކަމަށާއި މީގެ ތެރެއިން އެއް ރަށުގައި ހަފުތާއެއްގެ ތެރޭގައި ސަރުކާރުން އަޅާ ރިސޯޓް ގެ މަސައްކަތް ފަށާނެ ކަމަށެވެ.