ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ، އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި، ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ. އެގޮތުން މި އަހަރުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރުއޮންލައިންކޮށް ފޯމުހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށާއި، މި މަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ. އެއީ، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އަދި ސާވޭއިން ޓެކްނީޝަން ދާއިރާއެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެ ދާއިރާތަކުން ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކުރެވޭނެކަން އެޗްޑީސީން ފާހަގަކުރިއެވެ.

އެ ކުންފުނިން ބުނީ، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހު ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ މީހަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ވަނީ، ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެޗްޑީސީން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުނެފައެވެ.