20 Sep 2012, 18:25
މިދިއަ ހޯމަ ދުވަހު ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކާއެކު ގެއްލިގެން ސިފައިން ހޯދަމުން އަންނަ ރަންކުރި ދޯނި މިއަދު ފެނިއްޖެ އެވެ.
އެ ދޯނި ފެނުނީ ގއ. ވިލިގިލީގެ 50 މޭލު ބޭރުން މިއަދު އިރު އޮއްސުނު ވަގުތު ކަމަށް ސިފައިން ބުންޏެވެ. އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ދޯނި ފެނުނީއިރު އެ ދޯނީގައި ތިބި ހަތަރު މީހުންގެ ހާލުވެެސް ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ ދޯނި ފެނުނު އިރު އެ މީހުން އައީ އިންޖީނު ހަދައިގެން އަތޮޅުތެރެއަށް ވަނުމަށް ދަތުރުކުރަމުން ކަމަށެވެ.
"އެ މީހުން މިއަދު ކުރި މަސައްކަތުން އިންޖީނު ހެދިގެން އަތޮޅުތެރެއަށް ވަންނަން ވެގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެނީ އެ ދޯނި ފެނުނީ، އެމީހުންނާއި ދޯނި ގޮވައިގެން އަޅުގަނޑުމެންގެ އުޅަދު ލ އަތޮޅަށް ދަތުރުކުރަމުން އެ ދަނީ،" އަބްދުﷲ ވިދާޅުވި އެވެ.
ރަންކުރި ދޯނި ގެއްލުނީ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ބަރުކޮށްގެން ގއ. ކޮނައްޓާއަށް ކުރި ދަތުރު ނިންމައި ވިލިނގިއްޔަށް ގޮސް އެދުވަހުގެ މެންދުރު ކައިގެން މުދާބަލަން ފުރިތާ ގިނައިރު ނުވަނީހެވެ. އެ ދޯނި ގެއްލުމާއި އެކު ސިފައިން އަންނަނީ އެ ދޯނި ހޯދުމަށް އިންޑިއާ ސިފައިންގެ އެހީތެރިކަމާ އެކު ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.