ވޯލްޑް ކަޕް 2026: ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އެއްވަނައަށް
ވޯލްޑް ކަޕް 2026: ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އެއްވަނައަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި ސްވިޑަން އަތުން ހޯދި ބޮޑު މޮޅާއެކު ނެދަލެންޑްސް އިން ގްރޫޕް އެފްގެ އެއްވަނަ ހޯދައިފިއެވެ.

ވޯލްޑް ކަޕް 2026: ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އެއްވަނައަށް
ވޯލްޑް ކަޕް 2026: ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އެއްވަނައަށް

އެމެރިކާގެ ހިއުސްޓަންގައި ހުންނަ އެން.އާރް.ޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނެދަލެންޑްސް ކާމިޔާބުކޮށްފައިވަނީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ނެދަލެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗަކީ މިހާތަނަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ޓީމަކުން ދެއްކި އެންމެ އުންމީދީ އެއް ކުޅުމެވެ. އެގޮތުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ނެދަލެންޑްސް ވަނީ ރީތި ކުޅުމެއް ކުޅެފައެވެ.

މެޗު ފެށިގެން ނެދަލެންޑްސް އިން ވަނީ ސްވިޑަންގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ބްރިއަން ބްރޮބޭ ވަނީ މެޗުގެ 5 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނެދަލެންޑްސްއަށް ކުރިހޯދައިދީފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ނެދަލެންޑްސް އާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން--

އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުން ބްރޮބޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ، ލީޑު ފުޅާކޮށްދީފައެވެ.

ބްރޮބޭގެ މި ދެ ލަނޑަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުގެ ލޫކަސް ޕޮޑޮލްސްކީ ސްވިޑަންއާ ދެކޮޅަށް ޖެހި ދެ ލަނޑަށްފަހު، ވޯލްޑް ކަޕެއްގެ އެންމެ ކުރީކޮޅު ކުޅުންތެރިއަކު ޖެހި އެންމެ އަވަސް ދެ ލަނޑެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެންވެސް ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނެދަލެންޑްސް ޓީމުން ދިޔައީ ހަމަލާތައް ވަރުގަދަކުރަމުންނެވެ.

އެގޮތުން ކޯޑީ ގަކްޕޯ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު، މެޗުގެ 47 ވަނަ މިނެޓާއި 54 ވަނަ މިނެޓުގައި ޖެހިޖެހިގެން ދެ ލަނޑު ޖަހައި ނެދަލެންޑްސްގެ ލީޑު 4-0 އަށް ބަދަލުކުރިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ނެދަލެންޑްސް އާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން--

ސްވިޑަންއަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، 59 ވަނަ މިނެޓުގައި އެލެގްޒެންޑަރ އީސާކް ތަނަވަސްކޮށްދިން ފުރުސަތަކުން އެންތަނީ އެލަންގާ ވަނީ ސްވިޑަންގެ ހަމައެކަނި ލަނޑު ޖަހައިދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސެންސިއޯ ސަމާވިލް ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ނެދަލެންޑްސްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް، 5-1 އަށް ނަތީޖާ ބަދަލުކޮށްފައެވެ.

މި ބޮޑު މޮޅާއެކު ނެދަލެންޑްސް މިހާރު އޮތީ 4 ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު ސްވިޑަން އޮތްއިރު، ގްރޫޕުގެ ފަހު މެޗުތަކުގައި ނެދަލެންޑްސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. އަދި ސްވިޑަން ބައްދަލުކުރާނީ ޖަޕާނާއެވެ.