21 Jun 2026, 08:47

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ސެލެބްރިޓީ ސްޓައިލިސްޓް ރިއާ ކަޕޫރުގެ ބެލުމުގެ ދަށުގައި ހުރި 1.35 ކްރޯޑް ރުޕީސް (141,600 އެމެރިކާ ޑޮލަރު)ގެ އަގުހުރި ގަހަނާތަކެއް ވަގަށް ނެގި މައްސަލައެއް އިންޑިއާގެ މުމްބާއީ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މި ތަކެތި ވަގަށް ނަގާފައި ވަނީ ރިއާގެ މޭކަޕް އާޓިސްޓް ސަވްލީން ސިންގްގެ އަތްދަބަހުންނެވެ. މުމްބާއީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ގެއްލިގެން އުޅޭކަމަށް ރިޕޯޓުކުރި ގަހަނާތަކަކީ، ޖަވާހިރުތަކާ އެކު ޖަރީކޮށްފައިވާ ކަންފަތުލާ އެއްޗިއްސެވެ.
އަދި އެއީ މަތީ ފަންތީގެ ފެޝަން އިވެންޓަކަށް މުމްބާއީގެ ދެ ޖަވާހިރު ފިހާރައަކުން ކުއްޔަށް ނަގައިގެން ގެންދިޔަ ތަކެތި ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މި ތަކެތި ގެއްލިފައިވާކަން އެނގުނީ މިދިޔަ އޭޕްރީލް މަހު އެމެރިކާގެ ނިއުޔޯކްގައި ބޭއްވި 'މެޓް ގާލާ' އިވެންޓަށް ދިޔަފަހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއާ ކަޕޫރު ދައްތަ އަދި ބަތަލާ ސޯނަމްއާ އެކު--ފޮޓޯ/އެންޑީޓީވީ
މި މައްސަލައިގައި މުމްބާއީގެ ސަހާރު ޕޮލިސް ސްޓޭޝަނުން ވަނީ ވަކި މީހަކު އެނގެން ނެތް ގޮތަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް، ރިއާގެ ފަރާތުން އަދި މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އައިއޭއެންއެސް ރިޕޯޓުގައިވާ ގޮތުން، މޭކަޕް އާޓިސްޓް ސަވްލީން ހޮޓެލް ކޮޓަރިއަށް ގޮސް، ޓީމުގެ މެންބަރެއް ކަމަށްވާ ޝިރީންއާ ގަހަނާތައް ހަވާލުކުރުމަށް ގަހަނާ ފޮށިތައް ހުޅުވިއިރު، ދެ ފޮށިވެސް އޮތީ ހުސްކޮށެވެ.
ގެއްލުނު ގަހަނާތަކުގެ ތެރޭގައި ހިމެނެނީ މަޝްހޫރު 'މެހެތާ ޖުވެލާސް'އިން ނެގި 66 ލައްކަ ރުޕީސްގެ އެމެރަލްޑް އަދި އަލިމަސް ޖެހި ރަނުގެ ކަންފަތުލާ ޖޯޑަކާއި، 'ގޮއެންކާ ޖެވެލާސް' އިން ނެގި 69 ލައްކަ ރުޕީސްގެ ޒެމްބިއަން އެމެރަލްޑް ޖެހި ރަނުގެ ކަންފަތުލާ ޖޯޑެކެވެ.
ވައްކަމުގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މި ވައްކަން ހިނގާފައި ވަނީ މުމްބާއީ އެއާޕޯޓުންތޯ، ފްލައިޓް ތެރެއިންތޯ ނުވަތަ ނިއުޔޯކަށް ދެވުނު ފަހުންތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މަޝްހޫރު ފަންނާނުންގެ އަތުން އަގުބޮޑެތި ތަކެއްތި ގެއްލި ވައްކަން ކުރާ މައްސަލައަކީ މަދުން ނަމަވެސް ކުރިމަތިވާ ކަންކަމެވެ. މިފަދަ ހާދިސާތަކުން ދޭހަކޮށްދެނީ، މުއްސަނދި ފަރާތްތަކުގެ ގޭގޭގައި މަސައްކަތްކުރާ މީހުން ތިބޭއިރު، އެފަދަ ތަންތަނަކީ ވައްކަމުގެ ނުރައްކާ އޮތް ތަންތަން ކަމެވެ.
މިފަދަ ގިނަ މައްސަލަތަކުގައި ފުލުހުން ތަހުގީގު ހިންގާއިރު، ވައްކަމުގެ ތުހުމަތު ގިނައިން ރައްދުވަނީ ގޭގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.