ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޖަޕާނުގެ ބޮޑު ދެ ސިޓީ ކަމަށްވާ ފުކޯކާ އާއި އޮސާކާގައި ރާއްޖޭގެ ފަތުރުވެރިކަން ދައްކުވައިދޭ ރޯޑް ޝޯއެއް އިއްޔެ ބާއްވައިފި އެވެ.

އެ ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކާއި ޖަޕާނުގެ 90 ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޖަޕާނުގެ ބައެއް މީޑިއާތަކުން ބައިވެރިވި އެވެ.

މޯލްޑިވުސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) އިން ބުނީ އެރޯޑްޝޯއަކީ ޖަޕާނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެމެހެއްޓުމަށާއި ރާއްޖެއާއި ބެހޭ މައުލޫމާތު ޖަޕާންގެ މީޑިއާއިއެކު ހިއްސާކޮށް ޓުއާއޮޕަރޭޓަރުންނާއި ގުޅުން ބަދަހިކުރުމަށް ބޭއްވި ރޯޑް ޝޯއެއް ކަމަށެވެ.

"ދިވެހި ވަފުދުން ދަނީ ޖަޕާނުގެ ފަތުރުވެރިކަމާއި ގުޅުންހުރި ބޭފުޅުންނާއި ޖަޕާންގެ އެކި އެކި މީޑިއާތަކާއި ބައްދަލުކޮށް ޖަޕާންގެ މާކެޓް ދިވެހިރާއްޖޭގައި ދެމެހެއްޓޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރަމުން، އަދި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެގެންދާ ގޮތުގެ މައުލޫމާތްވެސް ޖަޕާންގެ ޓުއާ އޮޕަރޭޓަރުންނާއި މީޑިއާގެ ފަރާތްތަކަށް ވަނީ ހިއްސާކުރެވިފަ، އަދި ރާއްޖޭގަ އަލަށް ހުޅުވޭ ރިސޯޓުތަކާއި ޑޮމެސްޓިކް އެއާޕޯޓުތަކުގެ މައުލޫމާތުވެސް ވަނީ އެބޭފުޅުންނާއި ހިއްސާ ކުރެވިފަ" އެމްއެމްޕީއާރްސީ އިން ބުންޏެވެ.

އެރޯޑްޝޯގެ އިތުރުން މިއަދުން ފެށިގެން މިއަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖަޕާނުގައި ކުރިއަށްގެންދާ ޖާޓާ ފެއާގައިވެސް ރާއްޖެއިން ބައިވެރިވާގޮތަށް ވަނީ ނިންމާފަ އެވެ. ޖަޕާނަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން އަންނަ ގައުމެކެވެ. އެގޮތުން މިއަހަރުގެ ޖަޕަނުން ރާއްޖެއައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ވޭތުވެދިޔަ މަހުގެ ނިޔަލަށް 22534 ޓުވަރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 3.7 ޕަސެންޓެވެ.