20 Jun 2026, 23:59
ތައުލީމު ލިބިފައިވާ މީހެއްގެ ކިބައިން، ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ހަރުދަނާ އަޚުލާގު ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ ވަނީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ.
އިމާދުއްދީން ސްކޫލުގައި އޮތް އެ ރަސްމިއްޔާތުގައި އެ ކަމަނާ ވަނީ މިއާންޒް ކޮލެޖަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮލެޖުން ދެއްވާ ހަނދާނީ ފިލާ، އެ ބޭފުޅުންނާ ޙަވާލުކޮށްދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް ވާޞިލުވި މުއައްސަސާއެއްކަން ފާހަގަކުރައްވައި، ގައުމީ ފެންވަރެއްގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އެޅުނީތީ މުޅި ދައުލަތްވެސް އުފާކުރާކަމަށް ވިދާޅުވިއެވެ.
އެ ކަމަނާ ވިދާޅުވީ، ތައުލީމަކީ އިންސާނާ ތަރައްގީ ކޮށްދޭ ވަސީލަތެއް ކަމަށާއި ތަރައްގީއަކީ އިންސާނާއަށް އަންނަ ބަދަލަށް ކިޔާ ނަމެއް ކަމަށެވެ. އެ ބަދަލު ފެންނާނީ ދެވޭ ތައުލީމެއްގެ ބާވަތާއި އެ ތައުލީމެއް ދެވޭ ގޮތަކުންކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ރަނގަޅު ތައުލީމެއް ލިބިފައިވާނަމަ އެ މީހަކު ތަރައްގީވެފައިވާތަން އޭނާ ކުރާ ކަންކަމުން އެނގޭނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މުސްލިމުން ތައުލީމު އުނގެނެނީ ދީނާއި ގައުމާއި އަމިއްލަ ފަސްގަނޑާއި އަމިއްލަ ނަފުސާއި އަމިއްލަ އާއިލާއަށް ބާއްޖަވެރިކަން ގެނައުމަށް ޓަކައި އެހެންކަމުން ތައުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚުލާގުތަކެއް ހުރޭ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އޭގެ ތެރޭގައި، ދީނީ ކަންކަމަށް ފަރުވާތެރިވުމާއި، ވާހަކަ ދެއްކުމުގައި ވެސް އަދި ކުރާ މުއާމަލާތްތަކުގައި ވެސް އަނެކުންނަށް އިޙުތިރާމު ކުރުމުގެ އިތުރުން ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި މިއާންޒް ކޮލެޖަށް ފަސް އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނާއި، 10 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.