21 Jun 2026, 08:43

ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ސަމަންތާ ރޫތު ޕްރަބޫ އަލަތު ދަރިފުޅަށް ބަލިވެއިންކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
ސަމަންތާ އާއި ފިރިމީހާ ރާޖް ނިދިމޯރޫއަށް ކުއްޖަކު ލިބެން އުޅޭކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ރިލީޒްކުރި ބަތަލާގެ ފިލްމު "މާ އިންޓީ ބަންގާރަމް" ފިލްމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން ސަމަންތާ ބަނޑުބޮޑުކަމަށް ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.
މި ވީޑިއޯ އާއްމުވުމާ އެކު ސަމަންތާ އަލަތު ދަރިފުޅަށް ބަލިވެއިންކަމުގެ ހަބަރު އިންޑިއާގެ ނޫސްތަކަށް އަރަން ފަށައި ގިނަ ބަޔަކު ވަނީ އެ ދެމަފިރިންނަށް ހެޔޮއެދުންތައް ފޮނުވަން ފަށާފައެވެ.
ސަމަންތާ އާއި ރާޖް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކޮއިމްބަތޫރުގެ އިޝާ ފައުންޑޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސަމަންތާ އާއި ރާޖްގެ ކައިވެނީގެ ހަފްލާގައި ނަގާފައިވާ ބައެއް ފޮޓޯތައް--ފޮޓޯ/އެންޑީޓީވީ
ސަމަންތާ އާއި ރާޖްގެ ލޯބީގެ ގުޅުން ފެށުނީ އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން މަޝްހޫރު ވެބް ސީރީސް "ދަ ފެމިލީ މޭން 2"ގައި މަސައްކަތްކުރި ދުވަސްވަރުއެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ދަ ފެމިލީ މޭން" އަކީ ރާޖް ޑައިރެކްޓަރެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރާ ފްރެންޗައިސްއެކެވެ.
ސަމަންތާ ބަލިވެއިން ހަބަރު މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައި ނެތް ނަމަވެސް ދެމަފިރިންނާ ގާތްގުޅުމެއް އޮންނަ ފަރާތަކުން އެ ހަބަރު އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީއަށް ޔަގީންކޮށްދީފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.