ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަށް ސަރުކާރަށް ހުށަހެޅުމަށް ޕީޕީއެމްގެ ކައުންސިލުން ރޭ ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވީ ޖީއެމްއާރު އަތުން މިހާރުން މިހާރަށް އެއާޕޯޓު އަތުލުމަށް ސަރުކާރަށް ހުށަހެޅުމަށް ފާސްކުރީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ސަލީމް ވިދާޅުވީ ކައުންސިލުން ރޭ އެގޮތަށް ފާސްކުރީ ޖީއެމްއާރް މައްސަލައިގައި އެޕާޓީން ނިންމާ ނިންމުމެއް އަންގައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ޕާޓީއަށް ފޮނުވި ސިޓީ އަކާއި ގުޅިގެން ކަމަށާއި ކައުންސިލުން ރޭ ނިންމި ނިންމުން ސަރުކާރަށް މިހާރު ހުށަހަޅާފައިވާކަމަށެވެ.

"ޖީއެމްއާރު މައްސަލައާ ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ފޮނުވި ސިޓީއެއް އަޅުގަނޑުމެންގެ ޕާޓީން އެކަމުގައި އަމަލުކުރާ ގޮތެއް އަންގަވައި ދެއްވުމަށް އެދި. އެގޮތުން ރޭ ކައުންސިލް ބައްދަލުވުމެއް ބާއްވަ ކައުންސިލްގެ އިއްތިފާގުން ނިންމީ މިހާރުން މިހާރަށް ޖީއެމްއާރްގެ އަތުން އެއާޕޯޓު އަތުލަން،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސަރުކާރަކީ ދިވެހި ސަރުކާރާއި ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ސަރުކާރަކަށް ވާތީ ޖީއެމްއާރް މައްސަލައިގައި ސަރުކާރުން ކޮށްފައިވާ ދިރާސާތަކުގެ ތަފްސީލާއި އެ އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމުގެ ތަފްސީލު ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ހިއްސާކޮށްދެއްވުމަށް ވެސް ސަރުކާރުގައި އެދިފައި ވާނެ ކަމަށެވެ.

މި ހަފްތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯއްދެވުމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ގެއްލުން މާބޮޑު ކަމަށާއި އެ އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ އެގްރިމަންޓް ބާތިލް ކުރުމުގައި ސަރުކާރުން ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށާއި ވިސްނަން ޖެހޭ އެހެން ކަންތައްތަކެއް ހުރުމުން މިވަގުތު އެގްރިމަންޓުން ނުކުރުމަކީ އުގަދޫ ކަމެއް ކަމަށެވެ.

ނަމަވެސް ސަރުކާރުގައި އިއްތިހާދުވެފައިވާ ޕާޓީތަކުން ވަނީ، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ނަމުގައި އެއާޕޯޓް ޖީއެމްއާރުގެ އަތުން އަތުލުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ.