މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ޤަޠަރު އެއާވޭސްގެ ފުލައިޓަކުން އައި ސްޕެއިންގެ ފަތުރުވެރިޔާ އަލްމުދޭނާ އެސްޕަރްޒާއެވެ.

އަލްމުދޭނާ އެސްޕަރްޒާގެ ދެމަފިރިންނަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އިބްރާހީމް ޝިޢުރީއާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސް ބައެއް ބޭފުޅުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 988،597 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.05 މިލިއަން ފަތުރުވެރިން އައި އިރު، އެއީ ފަސް ޕަސެންޓުގެ ދަށްވުމެކެވެ.

މި ދުވަސްވަރަކީ ފަތުރުވެރިން ރާއްޖެއަށް މަދުން އަންނަ ދުވަސްވަރެވެ. މީގެ އިތުރުން، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. އޭގެ ސަބަބުން ސިނާއަތަށް ގެއްލުންވެ، ގައުމަށް ޑޮލަރު ލިބޭ މިންވަރު ވެސް އަންނަނީ މަތިވަމުންނެވެ.

އެ ހަނގުރާމައިގެ ސަބަބުން، މިދިޔަ މާރިޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އޭޕްރިލް މަހު ވެސް ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވިއިރު، މިދިޔަ މެއި މަހު 1.7 ޕަސެންޓްގެ ކުޑަ އިތުރުވުމެއް ފެނިފައިވެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދިވެހި ވިޔަފާރިތަކުގެ މައުލޫމާތު ހިމަނައިގެން ހަދައިފައިވާ ސާވޭއަކުން ދެއްކި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ވަނީ، މި ހިނގަމުންދާ ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިއެރުން މަޑުޖެހޭނެ ކަމަށް ލަފާކޮށްފައެވެ.