20 Sep 2012, 17:01
ކުރިއަށް އޮތް ތިން ދުވަހުވެސް މެދު އަތޮޅުތަކާއި ދެކުނުގެ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މީޓީއޮރޮޖިކަލް ޓެކްޓްނީޝަން އަބްދުލްﷲ ހާފިޒް މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ ކުރާނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ހިސާބުތަކަށް ކަމަށެވެ.
"ބޮޑަށް މާދަމާ ވިއްސާރަ ކުރާނީ މެދު ރާއްޖެ ތެރެއަށް، ހޮނިހިރު އާއްދިތަ ދުވަހު ލަފާކުރެވެނީ ދެކުނަށް ކަމަށް ބޮޑަށް ވިއްސާރަ ކުރާނީ" ހާފިޒް ވިދާޅުވި އެވެ.
ވާރޭ ވެހެމުންދާއިރު ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެން ދާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
މި ވިއްސާރައިގެ ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދޭތެރޭގައި ވައިޖެހެމުންދާނެ ކަމަށާއި މޫސުން ގޯސްވެ ކަނޑުގަދަވާ ފަހަރު ދެކުނު ބައެއް ހިސާބުތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓުން މިއަދު ބުންޏެވެ.
ވޭތުވެދިޔަ ތިން ދުވަހު ދޭތެރެދޭތެރެއިން ވާރޭ ވެހި މަލޭގެ މަގުތަކުގައި ދަނީ ވަރަށް ބޮޑަށް ފެން ބޮޑުވަމުންނެވެ.