ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ފަތިސް ވަގުތާއި ހެނދުނު ވަގުތު ވަދެ، އެ ފިހާރައިގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރީ އެކަކުކަން ފުލުހުން ހާމަކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފުރަތަމަ ފެންނަނީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުންނަ ފިރިހެނަކު ފިހާރައެއްގެ ތެރޭ ބަހައްޓައިފައި ހުރި މޮނީޓަރެއް އަނބުރައިލާ މަންޒަރެވެ. ދެން ފެންނަނީ އެ މީހާ މުވައްޒަފުންނަށް އިނގިލި ދިއްކޮށް، ވާހަކަދައްކާ މަންޒަރެވެ.

އެއަށްފަހު، އެ މީހާއާ ގާތުގައި ހުރި ބިދޭސީ މުވައްޒަފުގެ ގައިގައި އަތްލަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. ދެން މޮނީޓަރު ވައްޓައިލުމަށްފަހު އެ މީހާ ފިހާރައިން ވަނީ ނިކުމެފައެވެ.

މި ވީޑިއޯ ކެމެރާއަށް އެރި ކަމަށް ދައްކަނީ ފަތިހު 4:30 ހާއިރެވެ.

ވީޑިއޯ އާންމުކޮށް ކުރި ޕޯސްޓުގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ޓަވަރު ބީ ގައި ހުންނަ ފިހާރައަށް މަސްތުގެ ހާލުގައި ހުރި މީހަކު ވަދެ، އެ ތަނުގެ މުވައްޒަފުންނަށް އިންޒާރުދީ، މުދަލަށް ގެއްލުން ދިނުމަށްފަހު މާރާމާރީ ހިންގި ކަމަށެވެ.

އެއަށްފަހު ދެވަނަ ވީޑިއޯއެއްގައި ފެންނަނީ، ނޫ ކުލައިގެ ޓީޝާޓުގައި ހަމަ އެ މީހާ ވަޅިއެއް ހިފައިގެން އެ ފިހާރައަށް ވަދެ، ފިހާރައިގެ މުވައްޒަފުންނަށް ބިރުދެއްކި މަންޒަރެވެ. މިކަން ހިނގައި ދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ވީޑިއޯގައި ދެން ފެންނަނީ ބަޔަކު އެ މީހާ ބިމަށް ތިރިކޮށް، ހިފަހައްޓާ މަންޒަރެވެ.

މި ދެ މައްސަލައާ ގުޅިގެން ފުލުހުން 'ސަން'އަށް ފުރަތަމަ ބުނީ ދެ މައްސަލައިގައިވެސް ވަނީ ތަފާތު ދެ މީހުން ކަމަށެވެ. އެކަމަކު ފަހުން ބުނީ، މި ދެ މައްސަލައިގައި ހައްޔަރުކުރީ އެކަކު ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަތައް އިތުރަށް ތަހުގީގުކުރަމުންނެވެ.