އުމުރުން ދުވަސްވީ މީހުންގެ ކަށިތައް ރައްކާތެރިކޮށްދިނުމަށާއި ވެއްޓުމުން ސަލާމަތްވުމަށް ފަސޭހައިން ބޭނުންކުރެވޭނެ އެއްޗެއްގެ ގޮތުގައި ކެލްސިއަމާއި ވިޓަމިން ޑީ ސަޕްލިމެންޓް އިޝްތިހާރު ކުރާތާ އެތައް ޒަމާނެއް ވެފައި ވިޔަސް، މި ދެބާވަތުން އެ މައްސަލަތަކަށް އެކަށީގެންވާ ފައިދާއެއް ނުކުރާކަމަށް ބޮޑު ދިރާސާއަކުން ދައްކައިފިއެވެ.

މެޑިކަލް ދާއިރާގެ މަގުބޫލު މަޖައްލާއެއްކަމަށްވާ "ދަ ބީއެމްޖޭ" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، ގާތްގަނޑަކަށް އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ހިމެނޭގޮތަށް، ދުނިޔޭގެ ކަންކޮޅުތަކުގައި ހަދާފައިވާ ފަސްދޮޅަސް ނުވަ ކްލިނިކަލް ޓްރަޔަލް ބޭނުންކޮށްފައިވެއެވެ.

މި ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، ކެލްސިއަމް ނުވަތަ ވިޓަމިން ޑީ ނުވަތަ މި ދެ ބާވަތް އެއްކޮށް ބޭނުންކުރި ނަމަވެސް، އުމުރުން ދުވަސްވީ މީހުންގެ ކަށިތައް ބިނދުމުން ރައްކާތެރިކޮށްދޭކަމުގެ އެކަށީގެންވާ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ އެއް މައްސަލަ ކަމަށްވާ، ވެއްޓުމުގެ ހާދިސާތައް މަދުކުރުމަށް ވެސް މި ސަޕްލިމެންޓްތަކުން އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ކޮންމެހެން ބޭނުންވެގެން ޑޮކްޓަރަކު އިރުޝާދު ދީގެން މެނުވީ، އާންމު އުސޫލެއްގެ ގޮތުން މި ބޭސްތައް ކެއުމަކީ މިހާރު ސައިންސްވެރިން ތާއީދުކުރާ ކަމެއް ނޫނެވެ.

ދިރާސާ ކުރެއްވި މާހިރުން ލަފާދެއްވާ ގޮތުގައި، ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށާއި ވެއްޓުމުން ސަލާމަތްވުމަށް ބޭސް ކެއުމުގެ ބަދަލުގައި ސަމާލުކަން ދޭންވީ ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް އެހީތެރިވެދޭ ކަސްރަތު ކުރުމަށެވެ. އަދި ހަމައެއާއެކު، ދިރިއުޅޭ މާހައުލަކީ ކައްސާލައިގެން ނުވަތަ އަޅައިގަނެގެން ވެއްޓުމުގެ ހާދިސާތައް މަދުވާނެ ފަދަ ރައްކާތެރި ތަނަކަށް ހެދުން މާ މުހިންމެވެ.

ވިޓަމިން ޑީ އާއި ކެލްސިއަމް އަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެއްކަމުން، އެންމެ ރަނގަޅީ މަހާއި ކިރުފަދަ ގުދުރަތީ ކާނާއާއި އަދި އަވީގެ ޒަރިއްޔާއިން މި މާއްދާތައް ހޯދުން ކަމަށާއި، ޑޮކްޓަރެއްގެ ލަފާގެ މަތިން މެނުވީ އަމިއްލައަށް ބޭސްތައް ބޭނުން ނުކުރުމަށް ސައިންސްވެރިން އިލްތިމާސްކުރެއެވެ.

މަޞްދަރު: ސައިންސްޑެއިލީ، (ޖޫން 2026)