ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅައިފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

އަމިއްލަ އަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް، ޖުމުލަ 8،000އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން އެ ފުރުސަތު ހުޅުވައިލީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ހުޅުވައިލިއެވެ.

ޢަފީފް 'ސަން'އަށް މިއަދު ވިދާޅުވީ 97 މުވައްޒަފަކު އަމިއްލައަށް ވަކިވާން އެދި ހުށަހަޅައިފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅޭ ގޮތުން ފެނަކައިން ބުނީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ.

ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި، ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.

އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނި އިސްލާހުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ފެނަކައިން ބުނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވެސް ވަނީ،އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިލައިފައެވެ.