ހަތަރު މީހުނާއެކު "ރަންކުރި" ދޯނި ގެއްލުނީ ދޯނި ކުއްޔަށް ނަގައިގެން ކުރި ފުރަތަމަ ދަތުރުގައި ކަމަށް ދޯނި ގަތް ފަރާތުން ބުނެފި އެވެ.

މިދިއަ ހޯމަ ދުވަހު ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކާއެކު ގެއްލު ދޯނީގެ ވެރިޔާ މާލޭ ދަފުތަރު، އަބްދުﷲ ސައީދު މިއަދު ބުނީ ފަހުން އަގު ދައްކާ ގޮތަށް އޭނާ ގަތް ރަންކުރި އާއި ދޯނީގައި ތިބި މީހުން ސަލާމަތުން ނުފެނިއްޖެ ނަމަ ހަތަރު މީހެއްގެ ފުރާނައިގެ އިތުރުން 2.5 މިލިއަނަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

"ދޯނި ގެއްލުނީ މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑު ދޯންޏާ ހަވާލުވުމަށްފަހު ކުރި ފުރަތަމަ ދަތުރުގައި. އަޅުގަނޑު ގަތީ ފަހުން އަގު ދައްކާ ގޮތަށް،" ސައީދު ބުންޏެވެ.

ސައީދު ބުނި ގޮތުގައި ރަންކުރި ގެއްލުނު އިރު ދޯނީގައި ތިބި ދެ ދިވެހިންނަކީ ރ. ރަސްގެތީމާއި ފުވައްމުލަކަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. ދެން ތިބި ބަންގުލަދޭޝްގެ ދެ މީހުންނަކީ ވެސް ކުރިންސުރެ އެ ދޯނީގައި މީގެ ކުރިން ވެސް މަސައްކަތް ކުރަމުން އައި ދެމީހުންނެވެ.

ގެއްލުނު ދެ ދިވެހިންގެ ތެރެއިން އެކަކީ ރަބީޢު ނަމަކަށް ކިޔާ ފުވަމުލަކު ޒުވާނެކެވެ. އޭނާގެ އުމުރަކީ ގާތްގަނޑަކަށް 22 އަހަރެވެ. ރަބީއު އަކީ ކޯސްޓަލް ނެވިގޭޝަންގެ ދާއިރާއިން ކިޔަވާފައިވާ ޒުވާނެކެވެ. ދެން ހިމެނެނީ ރަސްގެތީމަށް އުފަން ޖިނާހު 27، އެވެ. އޭނާއަކީ މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

"ދޯނީގައި ތިބީ ދިވެހި ދެ ޒުވާނުން. ބޮޑު މީހާއަށް 27 އަހަރު. އޭގެ ތެރެއިން އެކަކު މެރިޓައިމް ދާއިރާއިން ކިޔަވާފައި ހުރިއިރު ދެ މީހުން ވެސް ވަނީ މީގެ ކުރިން ޔޮޓު ފަހަރުގައި މަސައްކަތްކޮށްފައި،" ސައީދު ބުންޏެވެ.

ރަންކުރި ދޯނި ގެއްލުނީ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ބަރުކޮށްގެން ގއ. ކޮނައްޓާއަށް ކުރި ދަތުރު ނިންމައި ވިލިނގިއްޔަށް ގޮސް އެދުވަހުގެ މެންދުރު ކައިގެން މުދާބަލަން ފުރިތާ ގިނައިރު ނުވަނީހެވެ.

ސައީދު ބުނީ ދަތުރު މަތީ ދޯނީގެ އިންޖީނު ހުއްޓިގެން ދޯނިން އޭނާއަށް އެންގި އެވެ. އޭރު މޫސުން ވެސް ގޯސް ނޫން ކަމަށާއި ދޯނި ވެސް އޮތީ ވިލިނގިލި ފެންނަ ހިސާބުގައި ކަމަށް ބުނި ކަމަށެވެ. އަދި އެކަން ކޯސްޓްގާޑަށް އެވަގުތު ހިއްސާ ކުރި ކަމަށެވެ.

"އޭރު ވެސް ފޯނަށް ރޭންޖް ލިބެނީ ވަރަށް ކުޑަކޮށް،" އޭނާ ބުންޏެވެ.

ސައީދު ބުނި ގޮތުގައި އޭނާ ދުއްވާ ރަންކުރީގައި ސަލާމަތާ ގުޅޭ ހުރިހާ ވަސީލަތެއް ވެސް ހުންނާނެ އެވެ. އަދި ދޯނީގައި އާ އިންޖީނަކީ އަޅާފައިވާއިރު ޖީޕީއެސްއާ ސެޓު ވެސް ބަރާބަރަށް މަސައްކަތް ކުރާނެ އެވެ.

"އޭގެ އިތުރުން އެއީ ކަނޑަށް ވެސް ގަދަ ދޯންޏެއް. އަޅުގަނޑު ހަވާލުވިފަހުން ހުންނާނީ މުޅިން ވެސް އާ އެއްޗެހި ލާފައި. އަދި ދަތުރަށް އެރިއިރު 4500ރ. ގެ ކޮއްތު ހުންނާނެ އެއިން ހަފްތާއަކަށް ވުރެ ގިނަ ދުވަހަށް ހިފަހައްޓާނެ. ފެން ވެސް ބޮޑު ދެ ހަމުގައި ހުންނާނެ،" ސަޢީދު ބުންޏެވެ.

ރަންކުރި ހޯދަން ސިފައިން ކަނޑާއި ވައިގެ މަގުން ހުއްޓާ ނުލައި މަސައްކަތް ކުރަމުންނެވެ. މިއަދު ކޯސްޓުގާޑުން ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުން ރަންކުރި ބޭރުވެދާނެ ކަމަށް އަދި ނުބެލެޥޭ ކަމަށާއި ދޯނި ހޯދުމުގެ މަސައްކަތަށް އިންޑިޔާއިން ހެލިކޮޕްޓަރަކާއި މަނަވަރެއްގެ އެހީ ވެސް ހޯދާ ކަމަށެވެ. މީގެ އިތުރުން ރަންކުރި ގެއްލުނު ހަބަރު އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ އަށް ވެސް ވަނީ އަންގާފަ އެވެ.

"ދޯނި އަދި އޮންނެ ކަމަށް މި ބެލެވެނީ ގާތްގަނޑަކަށް 160 މޭލާ ހިސާބުގައި. ވައި ހުރިގޮތުން އިރުމައްޗަށްވާ ގޮތަށް ދާނީ،" ސަލީމް ވިދާޅުވި އެވެ.