ކޫންޏާގެ ދެ ލަނޑާއެކު ހެއިޓީ ކަޓުވާލުމަށްފަހު ބްރެޒިލް ގްރޫޕްގެ އެއްވަަނައަށް
ކޫންޏާގެ ދެ ލަނޑާއެކު ހެއިޓީ ކަޓުވާލުމަށްފަހު ބްރެޒިލް ގްރޫޕްގެ އެއްވަަނައަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގައި ރޭ ކުޅުނު މެޗުން ހެއިޓީގެ މައްޗަށް 3-0 ގެ ފަސޭހަ މޮޅެއް ހޯދައި، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ފިލަޑެލްފިއާގައި ރާއްޖެގަޑިން މިއަދު ފަތިހު ކުޅުނު މި މެޗުގައި ބްރެޒިލްގެ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މެތިއުސް ކޫންޏާ ވަނީ ދެ ލަނޑު ޖަހާފައެވެ.

މީގެ އިތުރުން ބްރެޒިލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއުސް ޖޫނިއާއެވެ.

މި ނަތީޖާއާއެކު ހެއިޓީ މުބާރާތުން ކަޓާފައިވާއިރު، ބްރެޒިލުން ވަނީ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ކުޅެ އެއްވަރުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ރަނގަޅު ރައްދެއް ދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ވިނީޝިއުސް ފޮނުވާލި ހަމަލާއެއް ހެއިޓީގެ ކީޕަރު ޖޯނީ ޕްލެސައިޑް ދިފާއުކުރި ނަމަވެސް، ރީބައުންސްވި ބޯޅަ ގޯލަށް ވައްދާލައިގެން ކުންހާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ.

ހެއިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ވިނީޝިއުސް ޖޫނިއާ--

އޭގެ ފަހުން 36 މިނެޓުގައި ވިނީޝިއުސް ތަނަވަސްކޮށްދިން ފުރުސަތަކުން ކޫންޏާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޫކަސް ޕަކެޓާ ދިން ރީތި ޕާހަކުން ވިނީޝިއުސް ވަނީ ބްރެޒިލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގައި ބްރެޒިލުން ކުޅުން މަޑުޖެހުނު ނަމަވެސް، ގެބްރިއަލް މާޓިނެލީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް ވަނީ އަމާޒުވެފައެވެ. އަދި ޒުވާން ކުޅުންތެރިޔާ އެންޑްރިކް ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައެއް ނުގަނެއެވެ.

މި މެޗުން ބްރެޒިލް މޮޅުވި ނަމަވެސް، އެޓީމަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުރަތަމަ ހާފުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރަފީނިއާ ދަނޑުން ބާލަން ޖެހުމެވެ.

ގްރޫޕް ސީގެ އެއްވަނައިގައި ބްރެޒިލް އޮތީ 4 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި އޮތް މޮރޮކޯއަށްވެސް 4 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސްކޮޓްލޭންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

މި ގްރޫޕުން ދެވަނަ ބުރަށްދާނެ ޓީމުތައް ކަށަވަރުވާނީ ފަހު މެޗުގައި ބްރެޒިލް ސުކޮޓްލޭންޑާ ދެކޮޅަށް، އަދި މޮރޮކޯ ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފަހުގައެވެ.