ވޯލްޑް ކަޕް 2026: ގަދަ 32 ގެ ފުރަތަމަ ޖާގަތައް އެމެރިކާއާއި މެކްސިކޯއަށް
ވޯލްޑް ކަޕް 2026: ގަދަ 32 ގެ ފުރަތަމަ ޖާގަތައް އެމެރިކާއާއި މެކްސިކޯއަށް

އޮސްޓްރޭލިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ސިއެޓްލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެމެރިކާއިން ކާމިޔާބުކުރީ ގްރޫޕް ޑީ ގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިގެންނެވެ.

މިއީ 1930 ގެ ފަހުން ވޯލްޑް ކަޕް މުބާރާތެއްގައި އެމެރިކާއިން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު އެމެރިކާއަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނުއިރު، މިއަދުގެ ފަހުގެ ވަގުތެއްގައި ތުރުކީއާއި ޕެރަގުއާއީ ބައްދަލުކުރާ މެޗުން ތުރުކީ މޮޅުނުވެއްޖެނަމަ، އެމެރިކާއަށް ގްރޫޕްގެ އެއްވަނަ މަގާމުވެސް ކަށަވަރުވާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާގެ ޓީމުން ފެނުނީ ވަރަށް ވަރުގަދަ، އެޓޭކިން ކުޅުމެކެވެ. އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި ނުކުޅުނު ނަމަވެސް، ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާއިން ދިޔައީ އޮސްޓްރޭލިއާގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ.

ފީފާ ވޯލްޑް ކަޕުގައި އެމެރިކާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން--

ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އެމެރިކާގެ ފޯވާޑް ފޮލަކިން ބަލޯގަން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، އޮސްޓްރޭލިއާގެ ކެމަރަން ބާޖަސް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.

މިއާއެކު، އެމެރިކާ ވެގެންގޮސްފައިވަނީ 1938 ވަނަ އަހަރު ފްރާންސަށްފަހު، ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ދެ މެޗުގެވެސް ފުރަތަމަ 15 މިނެޓު ތެރޭގައި ލަނޑުޖެހި ފުރަތަމަ މުބާރާތް ބާއްވާ ގައުމަށެވެ.

އެމެރިކާއިން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. ސާޖީނިއޯ ޑެސްޓް ފޮނުވާލި ބޯޅައެއް ރީބައުންސްވެގެން އައި ވަގުތު، އެލެކްސް ފްރީމަން ވަނީ ބޮލުން ޖަހައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި ލަނޑު ޖެހި ވަގުތު ރެފްރީ ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު، ފްރީމަން ހުރީ އޮންސައިޑްގައި ކަމަށް ނިންމައި ރެފްރީ ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން އެމެރިކާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އެމެރިކާއިން މެޗުގެ ކޮންޓްރޯލް ހިފަހައްޓަން މަސައްކަތް ކުރިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ބަލޯގަންއަށް ލީޑު އިތުރަށް ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

އަނެއްކޮޅުން އޮސްޓްރޭލިއާއިން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނެސްޓޮރީ އިރަންކުންޑާ ކުޅެން އަރުވައި، އެމެރިކާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ.

މި ގްރޫޕުގައި އެމެރިކާ ކުޅޭ ފަހު މެޗުގައި ޖޫން 26 ވާ ހުކުރު ދުވަހު ލޮސް އެންޖެލިސްގައި ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އެ މެޗުން ގްރޫޕްގެ އެއްވަނަ ހޮވޭނެއެވެ.

ހަމަ އެ ވަގުތު ސެންޓާ ކްލާރާގައި އޮސްޓްރޭލިއާ ނުކުންނާނީ ޕެރަގުއާއީއާ ދެކޮޅަށެވެ. މެޗުން ބަލިވި ނަމަވެސް، ގަދަ 32 ގެ ބުރަށް ދިއުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް އަދިވެސް އެބައޮތެވެ.

އެމެރިކާ ގްރޫޕްގެ އެއްވަނަ ހޯދައިފިނަމަ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ އެހެން ގްރޫޕެއްގެ ތިންވަނައަށްދާ ޓީމަކާއެވެ.

މީގެއިތުރުން އެމެރިކާއާއެކު މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ މެކްސިކޯވެސް ވަނީ ގަދަ 32 ގެ ޖާގަ ކަށަވަރުކޮށްފައެވެ.

މެކްސިކޯއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި ސައުތު ކޮރެއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ގްރޫޕް އޭ ގައި މެކްސިކޯއިން ހޯދި ޖެހިޖެހިގެން ދެވަނަ މޮޅެވެ.

އެގައުމުން ވަނީ މުބާރާތް ހުޅުވި މެޗުގައި ދެކުނު އެފްރިކާ އަތުންވެސް ކުރިހޯދާފައެވެ. އަމިއްލަ ގައުމުގައި ކުޅެމުންދާ މެކްސިކޯ ޓީމަށް ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ކާމިޔާބީއާއެކު އެޓީމު މިވަނީ މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމުތަކުގެ ތެރޭގައި ހިމެނިފައެވެ.