ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި އޮތީ ދަށްފެންވަރެއްގައި ކަމަށް އެޓީމްގެ ކޯޗް ޓިޓޯ ވިލަނޮވާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ރަޝިއާގެ ސްޕާޓަކް މޮސްކޯ އަތުން ފަހަތުން އަރައި 3- 2 އިން ބާސެލޯނާ މޮޅުވި މެޗަށްފަހު ޓިޓޯ ބުނީ، ރޭގެ މެޗުން މޮޅުވި ކަމަކު އެނަތީޖާއާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށާއި މެޗުގައި ގިނަ މިސްޓޭކްތަކެއް ޓީމުގެ ކުޅުންތެރިންނަށް ހެދުނު ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ޓީމާ އެކު މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށް ހުރި މެޗްތަކުގައި ބާސާއިން ނިކުންނާނީ ރަނގަޅު ނާތީޖާއެއް ހޯދަން ކަމަށް ޓިޓޯ ބުންޏެވެ.

"މެޗުގެ ލީޑް ނެގި ކަމުގައި ވިޔަސް، ޓީމުގެ ކުޅުމާ މެދު ޖުމްލަކޮށް ހިތްހަމަ ނުޖެހެ. ޓީމް އަދި އޮތީ ރަނގަޅު ފެންވަރެއްގައި އެއް ނޫން. ޓީމް ގައި ރަނަގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި" ޓިޓޯ ބުންޏެވެ.
ޓިޓޯ ބުނީ، މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ޓީމަށް ހިތްވަރު ލިބިގެން ދިޔައީ ވެސް އޭނާ މެޗުގައި ކާމިޔާބުކޮށްދިން ފަހު ދެލަނޑުގެ ސަބަބުން ކަމަށެވެ.

ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް އެޓީމަށް ނަގައި ދިނީ ކްރިސްޓިއަން ޓެލޯ އެވެ. އަދި އެޓީމްގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެސީ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ ކޮޅަށް ސްޕާޓަކް މޮސްކޯއިން ޖެހި އެތީމްގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ މެޗުގެ 29 ވަނަ މިނެޓުގައި ބާސެލޯނާގެ ޑެނީ އަލްވެސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އެޓީމްގެ ދެ ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޮމުލޯ އެވެ.