ފިލްމު "ދަ އޮޑިސީ"ގެ ލީޑް ތަރިން އެ ފިލްމުގެ ޕްރިމިއާއަށް އިންޑިއާއަށް
ފިލްމު "ދަ އޮޑިސީ"ގެ ލީޑް ތަރިން އެ ފިލްމުގެ ޕްރިމިއާއަށް އިންޑިއާއަށް

މި އަންނަ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ ހޮލީވުޑް ފިލްމު "ދަ އޮޑިސީ"ގެ ޕްރީމިއާއަށް އެ ފިލްމުގެ ލީޑް ތަރިން އިންޑިއާއަށް ދަތުރުކުރަން ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ.

ޔުނިވާސަލް ޕިކްޗާސް އިންޓަނޭޝަނަލްއިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގެ މުމްބާއީގައި ބާއްވާ މި ޕްރިމިއާ އޮންނާނީ ފީނިކްސް ޕެލޭޑިއަމްގެ ޕީވީއާރް އައިކަން އައިމެކްސްގައެވެ.

ފިލްމު "ދަ އޮޑިސީ" އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ދަތުރުގެ ތެރެއިން، މި ފިލްމުގެ އިންޑިއާ ޕްރިމިއާ މުމްބާއީގައި ބާއްވާނެކަން ޔުނިވާސަލް ޕިކްޗާސް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު ނޯލަންއާ އެކު، ފިލްމުގެ ތަރިން ކަމަށްވާ މެޓް ޑޭމަން އާއި ޓޮމް ހޮލަންޑްގެ އިތުރުން މަޝްހޫރު ޕްރޮޑިއުސަރު އެމާ ތޯމަސް ވެސް މި ޕްރިމިއާގައި ބައިވެރިވާނެއެވެ. މިއީ ނޯލަންގެ ފިލްމެއްގެ ޕްރިމިއާ އިވެންޓެއް އިންޑިއާގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.

"ދަ އޮޑިސީ"ގެ ޓްރެއިލާގެ ބައެއް މަންޒަރުތައް -- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހު މުޅި ދުނިޔޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ދަ އޮޑިސީ"ގެ ބައިނަލްއަގުވާމީ ޕްރިމިއާ ޓުއާގައި، އިންޑިއާގެ އިތުރުން ލަންޑަން، ޕެރިސް އަދި ނިއުޔޯކް ފަދަ ސިޓީތައް ހިމެނެއެވެ.

މި ފިލްމަކީ އައިމެކްސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މުޅި ފިލްމު އެއްކޮށް އައިމެކްސް ކެމެރާއިން މަންޒަރުތައް ނެގި ފުރަތަމަ ފީޗާ ފިލްމެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މި ފިލްމުގެ މަންޒަރުތައް ވަނީ ކެމެރާކޮށްފައެވެ.

ނޯލަން ލިޔެ ޑައިރެކްޓްކޮށްފައިވާ "ދަ އޮޑިސީ" އަކީ، ހޯމާގެ މަޝްހޫރު 'އޮޑިސީ' ވާހަކައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މީގައި ދައްކުވައިދެނީ ޓްރޯއީގެ ހަނގުރާމައަށް ފަހު، އޮޑިސިއަސް އެނބުރި ރަށަށް ދިއުމަށް ކުރި 10 އަހަރުގެ ދިގު ދަތުރެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން މެޓް ޑޭމަން، ޓޮމް ހޮލަންޑް، އެން ހެތަވޭ، ރޮބަޓް ޕެޓިންސަން، ލުޕިޓާ ނިއޮންގޯ، ސަމަންތާ މޯޓަން، ޒެންޑާޔާ އަދި ޗާލީޒް ތެރަން ފެންނާނެއެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ނޯލަން އާއި އެމާ ތޯމަސްގެ "ސިންކޮޕީ" ބެނާގެ ދަށުންނެވެ.

ޔުނިވާސަލް ޕިކްޗާސްއިން ފާހަގަކުރި ގޮތުގައި، މިއީ ހޮލީވުޑްގެ ބޮޑު ޓީމަކުން އިންޑިއާއަށް ކުރާ އެންމެ ފާހަގަކޮށްލެވޭ އެއް ދަތުރެވެ.

އިންޑިއާގެ އެކި ސިނަމާތަކުން "ދަ އޮޑިސީ"ގެ އައިމެކްސް ޝޯތަކަށް އެޑްވާންސްކޮށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.