ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވޭނީ އެ ކުންފުންޏެއްގައި މަދުވެގެން ދައުލަތުގެ 45 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ކަނޑައަޅައިފިއެވެ.

މި ގޮތަށް ކަނޑައަޅާފައި ވަނީ، ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވައިދުގައެވެ.

އެ ގަވައިދުގައި ވަނީ، ދައުލަތުގެ ކުންފުނިތަކަށް ރިސޯޓެއް ހިންގުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގައި ބެލެވޭނެ ޝަރުތުތަކާއި އެ ތަންތަން ކުއްޔަށް ދޫކުރެވޭނެ ހާލަތްތައް ކިޔައިދީފައެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން: ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭނީ، ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮވެގެން ކަމަށް ވަނީ ކަނޑައަޅާފައި -- ސަން ފޮޓޯ

މިގޮތުން، ރިސޯޓެއް ތަރައްގީކުރުމަށް ދައުލަތުގެ ކުންފުނިތަކަށް ތަންތަން ކުއްޔަށް ދޫކުރެވޭ ޝަރުތުތަކަށް ބަލާއިރު، އެ ކުންފުންޏަކަށް ތަނެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ފާސްކުރަން ޖެހެއެވެ.

އޭގެއިތުރަށް، ފަޅެއް ނުވަތަ ބިމެއް ދޫކުރަން ކަނޑައަޅާ ދައުލަތުގެ ކުންފުުންޏަކީ، އެ ތަނެއްގައި ރިސޯޓެއް ހެދުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏަކަށް ވާންޖެހެއެވެ. އަދި، އެ ކުންފުންޏެއްގައި، މަދުވެގެން ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަން ޖެހޭ ކަމަށް ވެސް ގަވައިދު ބުނެއެވެ.

ގަވައިދުގައި ބުނި ގޮތުގައި، ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަން ޖެހެނީ، އެ ތަނެއް ކުއްޔަށް ދޫކުރާ ފަރާތާއި ސަރުކާރާ ދެމެދު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ވަންނަމުން އަންނަ ކަމަށާއި މަޝްރޫއުތަކުގައި އެ ކުންފުނިތަކަށް އިސްކަންދޭ ކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އަދި، ޕްރައިވެޓް ސެކްޓަރުގެ އެކި މަސައްކަތްތައް ސަރުކާރުން ކުރާތީ، އަމިއްލަ ވިޔަފާރިވެރިންނަށް އެ ކަމުން ފައިދާއެއް ނުވާ ކަމުގެ ތުހުމަތުތައް ވެސް ކުރެވެއެވެ.