ސީމެގް އެޖެންޑާއިން ރާއްޖެ ނެގުމަށް ނިންމައިފިނަމަ ރާއްޖޭގައި އިދިކޮޅު ސިޔާސީ ހިޔާލުތައް ނެތިގެން ހިނގައިދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ދެއްވި ތަގުރީރެއްގަ އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި މިއަދު ބުނެފައިވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސީމެގް އެޖެންޑާއިން ރާއްޖެ ނެގުމަށް ނިންމާ ދުވަހަކީ ރާއްޖެއަށް ހިތާމަވެރި ދުވަހަކަށްވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ސީމެގްގެ ދައުރު ފުޅާކުރެވުނު ގޮތާއި އެކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވެރިކަން ބަދަލުވީ ގޮތާއި ދެން ކުރިޔަށް ގެންދާނޭ ގޮތެއް ކަނޑައަޅައި އެ ގޮތުގައި ކުރިޔަށް ދިއުމުގެ މުހިންމު ކަމާބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސީމެގްގެ އެޖެންޑާއިން ރާއްޖެ ނުނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފައިވާއިރު ސީމެގްގެ އެޖެންޑާއިން ރާއްޖެ ނަގައިދިނުމަށް އެދި ދިވެހި ސަރުކާރުން ވަނީ ސީމެގްގައި ހިމެނޭ ގައުމުތަކަށް ސިޓީއެއް ފޮނުވައިފަ އެވެ. ރާއްޖޭއާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މިހާރު ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ލަންޑަންގައި ބާއްވާ ބައްދަލުވުމުގަ އެވެ.

ރޯޔަލް ކޮމަންވެލްތު ސޮސައިޓީގެ ދައުވަތަކަށް ރައީސް ނަޝީދު ވަނީ މިއަދު ސްކޮޓްލެންޑަށް ވަޑައިގެންފަ އެވެ.